ޑެންގޫ ޖެހިގެން އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ޑެންގޫ ހުން ޖެހިގެން މ. މުލީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެ އެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ މުލީ ސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ އައިޝަތު އަންޖަލް އެވެ. އޭނާ ނިޔާވީ ބުރާސްފަތި ދުވަހުގެ ރޭ 10 ޖަހާކަންހާއިރު ކަމަށް މުލީ ހޮސްޕިޓަލުން ބުނެއެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އަންޖަލް ބަލިވެގެން މުލީ ހޮސްޕިޓަލުގައި އެޑްމިޓުކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ހާލަތު ގޯސްވާން ފެށީ ބުދަ ދުވަހުގެ ރޭ ދަންވަރު ކަމަށާއި ހާލަތު ގޯސްވަމުން ގޮސް، ސީރިއަސްވެ ބުރާސްފަތި ދުވަހުގެ ރޭ 9 ޖެހިއިރު އައިސީޔޫއަށް ވެއްދި ކަމަށް އާއިލާއިން ބުނެ އެވެ. ނަމަވެސް، އައިސީޔޫއަށް ލީތާ ގަޑިއެއްވެސް ނުވަނީސް އޭނާ ވަނީ ނިޔާވެފައި އެވެ.
Ads by BMLރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، މި މަހުގެ 13 ވަނަ ދުވަހުވެސް ވަނީ ޑެންގޫ ޖެހިގެން 22 އަހަރުގެ ޒުވާނަކު ނިޔާވެފައެވެ. ށ. މިލަންދޫއަށް ނިސްބަތްވާ އެ ޒުވާނާ ނިޔާވީ ހާލުދެރަވެގެން ފަރުވާ ދެމުންދަނިކޮށެވެ.
އާންމުގޮތެއްގައި ރާއްޖޭގައި ޑެންގޫ އެންމެ ގިނައިން ފެތުރެނީ މެއި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބައްޔަކީ ވަރަށް އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.
ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހުޅުތަކާއި މަސްތަކުގައި ރިއްސުމުގެ އިތުރުން މޭ ނުބައިކުރުން ހިމެނެއެވެ.
ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި ހުން އަންނަތާ ތިން ދުވަސްވުމުން ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހެއެވެ. ޑެންގޫއަށް ވަކި ހާއްސަ ފަރުވާއެއް ނޯންނާތީ، ބަލިޖެހުމުން ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި އަރާމުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
Ads by MACL
