ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ފީފާއިން އިތުރު ޓިކެޓުތަކެއް ވިއްކަނީ؛ ނަމަވެސް އެއްވެސް ހަމަހަމަކަމެއް ނެތުމުން ފާޑުކިޔުން!

ވޯލްޑް ކަޕް 2026: ފީފާއިން އިތުރު ޓިކެޓުތަކެއް ވިއްކަނީ؛ ނަމަވެސް އެއްވެސް ހަމަހަމަކަމެއް ނެތުމުން ފާޑުކިޔުން!

ފީފާއިން ކުރިއަށް އޮތް ވޯލްޑް ކަޕްގެ އާ ޓިކެޓްތަކެއް ދޫކުރުމާ ގުޅިގެން، ޓިކެޓް ވިއްކުމުގެ ނިޒާމުގައި ހާމަކަން ކުޑަކަމަށް ބުނެ ގިނަ ސަޕޯޓަރުންތަކެއްގެ ނުރުހުން ފީފާއަށް އަމާޒުވެއްޖެއެވެ. މީގެ ކުރިން ލިބެން ނެތް 'ޕްރީމިއަމް' ފަންތީގެ ސީޓުތަކެއް ކުއްލިއަކަށް ބޮޑު އަގުގައި ވިއްކަން ފެށުމަކީ ސަޕޯޓަރުންގެ މައިގަނޑު ޝަކުވާއެވެ.

ކެނެޑާ، މެކްސިކޯ އަދި އެމެރިކާ ގުޅިގެން ބާއްވާ މި މުބާރާތުގެ 104 މެޗުގެ ކެޓަގަރީ 1، 2 އަދި 3 ގެ އާ ޓިކެޓްތައް ބުދަ ދުވަހު ވިއްކަން ފެށީ "ފުރަތަމަ އަންނަ ފަރާތަކަށް އިސްކަންދޭ" އުސޫލުންނެވެ. ނަމަވެސް، އެންމެ އަގުހެޔޮ ކެޓަގަރީ 3 ގެ ޓިކެޓްތައް ހޯދަން އުނދަގޫވެ، ގިނަ ބަޔަކަށް މަޖުބޫރުވީ އެތައް ގުނައެއް އަގުބޮޑު ޓިކެޓްތައް ގަންނާށެވެ.

މިގޮތުން އޮންޓޭރިއޯގެ އަބިމްބޯލާ އޮގުންޔެމީ ބުނީ 195 ޑޮލަރުގެ ޓިކެޓެއް ގަންނަން ކުރި މަސައްކަތް ނާކާމިޔާބުވެ، އެންމެ ފަހުން 630 ޑޮލަރުގެ ޓިކެޓެއް ގަންނަން ޖެހުނު ކަމަށެވެ.

އާ ޕްރީމިއަމް ކެޓަގަރީގެ އަގުތައް އިންތިހާއަށް މަތި


އަލަށް ތައާރަފުކުރި ޕްރީމިއަމް ސީޓުތަކުގެ އަގުތައް ހުރީ އާދައިގެ ސަޕޯޓަރުންނަށް އަތްފޯރާ ފަށަކު ނޫނެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗުގެ ފްރަންޓް ކެޓަގަރީ 1 ގެ ސީޓެއްގެ އަގު ވަނީ 2,735 ޑޮލަރުން 4,105 ޑޮލަރަށް (ގާތްގަނޑަކަށް 5,625 ކެނެޑާ ޑޮލަރު) އުފުލިފައެވެ. އަދި ކެނެޑާ އާއި ބޮސްނިއާ ބައްދަލުކުރާ މެޗުގެ މި ފަންތީގެ ޓިކެޓެއްގެ އަގު އުޅެނީ 3,360 ޑޮލަރުގައެވެ.

ޓޮރޮންޓޯގެ ޔޯކް ޔުނިވާސިޓީގެ މާކެޓިން އިންސްޓްރަކްޓަރު ވިޖޭ ސެޓްލޫރު ވިދާޅުވީ، ޓިކެޓް ލިބެން ހުރި މިންވަރާ މެދު ފީފާގެ ދެފުށް ފެންނަ ސިޔާސަތެއް ނެތުމަކީ ސަޕޯޓަރުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތައް އިތުރަށް ގޯސްވާނެ ކަމެއް ކަމަށެވެ. އިނގިރޭސިވިލާތުގެ ސަޕޯޓަރެއް ކަމަށްވާ ޑެނީ ކްލާކް ފާހަގަކުރި ގޮތުގައި، މިހާރު ކަންތައްތައް ހުރި ގޮތުން ވޯލްޑް ކަޕް މެޗެއް ބަލާލުމުގެ ފުރުސަތު ލިބެނީ ހަމައެކަނި މުއްސަނދިންނަށެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން ފީފާއިން އަދި ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ޖުމްލަ 104 މެޗު ހިމެނޭ މި މުބާރާތް އަންނަ އަހަރުގެ ޖޫން 11 ގައި ފަށާއިރު، ފައިނަލް މެޗު އޮންނާނީ ޖުލައި 19 ގައެވެ. މުބާރާތުގެ 13 މެޗެއް ކެނެޑާގެ ޓޮރޮންޓޯ އަދި ވެންކޫވަރުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.