ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"އެސްޕިރިން" ބޭނުންކުރުމުން ކެންސަރުގެ ނުރައްކާ ކުޑަކޮށްދޭ: ދިރާސާ

"އެސްޕިރިން" ބޭނުންކުރުމުން ކެންސަރުގެ ނުރައްކާ ކުޑަކޮށްދޭ: ދިރާސާ

ތަދުކަނޑުވަން އާންމުކޮށް ބޭނުންކުރާ 4،000 އަހަރުވީ ބޭހެއް ކަމަށްވާ އެސްޕިރިންއަކީ ހަށިގަނޑުގައި ބައެއް ބާވަތުގެ ކެންސަރު އުފެދުމާއި ފެތުރުން ހުއްޓުވައިދޭ އެއްޗެއްކަން ދިރާސާތަކުން ދައްކައިފިއެވެ. މި ހޯދުންތަކާ ގުޅިގެން ބައެއް ގައުމުތަކުގެ ސިއްހީ ސިޔާސަތުތަކަށް މިހާރުވެސް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.

މި ދިރާސާގައި ބައިވެރިވި އިނގިރޭސިވިލާތުގެ ނިކް ޖޭމްސްއަކީ އާއިލީ ގޮތުން ކެންސަރުގެ ނުރައްކާ އޮތް މީހެކެވެ. އޭނާގެ މަންމަ ކެންސަރުގައި މަރުވެފައިވާއިރު، ބޭބެއާއި އާއިލާގެ އެހެން މެންބަރުންނަށް ވަނީ ގޮހޮރުގެ ކެންސަރު ޖެހިފައެވެ. ޖެނެޓިކް ޓެސްޓުތަކުން ދެއްކި ގޮތުގައި އޭނާގެ ހަށިގަނޑުގައި ލިންޗް ސިންޑްރޯމް ހުރެއެވެ. މިއީ ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުކޮށްދޭ ހާލަތެކެވެ.

ނިކް ޖޭމްސްއަކީ ކޮންމެ ދުވަހަކު އެސްޕިރިން ބޭނުންކުރުމުން ކެންސަރުން ރައްކާތެރިކޮށްދޭތޯ ބެލުމަށް ކުރިއަށްގެންދިޔަ ކްލިނިކަލް ޓްރަޔަލްގައި ބައިވެރިވި ފުރަތަމަ މީހާއެވެ. ނިއުކާސަލް ޔުނިވާސިޓީގެ ކްލިނިކަލް ޖެނެޓިކްސްގެ ޕްރޮފެސަރު ޖޯން ބާން ވިދާޅުވި ގޮތުގައި، އޭނާ އެސްޕިރިން ބޭނުންކުރާތާ މިހާރު 10 އަހަރު ވެއްޖެއެވެ. އަދި މިހާތަނަށް އެއްވެސް ކެންސަރެއްގެ އަލާމާތެއް ފެނިފައެއް ނުވެއެވެ.

ލިންޗް ސިންޑްރޯމް ހުންނަ މީހުންގެ ތެރެއިން 10 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މީހުންނަށް އުމުރުގެ ކޮންމެސް ހިސާބެއްގައި ގޮހޮރުގެ ކެންސަރު ޖެހެއެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ކުރެވުނު ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި، އެސްޕިރިންގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. ބައެއް ގައުމުތަކުން މިހާރު ވަނީ ކެންސަރުގެ ނުރައްކާ ބޮޑު މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެސްޕިރިން ބޭނުންކުރުމަށް ސިއްހީ އިރުޝާދުތަކަށް ބަދަލު ގެނެސްފައެވެ.

އެސްޕިރިންގެ އަސްލަކީ މީގެ އެތައް ހާސް އަހަރެއް ކުރިން ބޭނުންކުރަމުން އައި 'ވިލޯ' ގަހުގެ ތޮށިގަނޑެވެ. އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި މީގެ 4،400 އަހަރު ކުރިން މެސޮޕޮޓޭމިއާގެ މީހުންނާއި، މިސްރު، ގްރީކް އަދި ރޯމަނުންވެސް ތަދުކަނޑުވަން މި ފަރުވާ ބޭނުންކުރިއެވެ. މި ޒަމާނުގެ އެސްޕިރިން ނުވަތަ އެސަޓައިލްސަލިސިލިކް އެސިޑް ބާޒާރަށް ނެރެފައިވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅުގައެވެ.

ކެންސަރާ ދެކޮޅަށް އެސްޕިރިން މަސައްކަތްކުރާ ސަބަބުތައް ސައިންސްވެރިންނަށް މިހާރު ދެނެގަނެވެން ފަށާފައިވާއިރު، މިއީ ބޭސްވެރިކަމުގެ ތާރީޚުގައި އައި އާ އިންގިލާބެކެވެ. ނަމަވެސް، މާހިރުން އިލްތިމާސްކުރައްވަނީ މިފަދަ ބޭސްތައް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.