ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔަމާލް އަށް އަނިޔާވުން: ސީޒަން ނިމުނު ނަމަވެސް ވޯލްޑް ކަޕުގައި ކުޅެވޭނެކަމުގެ އުންމީދު ބޮޑު!

ސްޕެއިނާއި ބާސެލޯނާގެ ފޯވާޑް ޔަމީން ޔަމާލް
ސްޕެއިނާއި ބާސެލޯނާގެ ފޯވާޑް ޔަމީން ޔަމާލް
ސްޕެއިނާއި ބާސާގެ ޒުވާން ފޯވާޑް ލަމީން ޔަމާލަށް ލިބުނު އަނިޔާއަކާ ގުޅިގެން ބާސެލޯނާގެ މި ސީޒަނުގައި ބާކީ ހުރި މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ. ނަމަވެސް، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ފެށުމުގެ ކުރިން އޭނާ ފިޓްވާނެ ކަމަށް އުންމީދު ކުރެވެއެވެ.

އުމުރުން 18 އަހަރުގެ ޔަމާލަށް މި އަނިޔާ ލިބުނީ މިދިޔަ ހަފްތާ ބުދަ ދުވަހު ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅެ 1-0 އިން ބާސެލޯނާ މޮޅުވި މެޗުގައެވެ. އެ މެޗުގެ 40 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލަނޑު ޖަހައި ބާސެލޯނާއަށް ކުރިހޯދައިދިނުމަށްފަހު، އޭނާ ވަނީ ވާތު ފައިގެ ފަލަމަސްގަނޑަށް ތަދުވެގެން ބެންޗަށް އިޝާރާތްކޮށްފައެވެ. އޭނާ ދަނޑުން ބޭލީ މެޑިކަލް ޓީމުގެ އެހީތެރިކަމާއެކުގައެވެ.

ބާސެލޯނާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަމާލަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް "ކޮންޒަވޭޓިވް ޓްރީޓްމަންޓް ޕްލޭން" އެއް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ސަބަބުން ލީގުގެ ބާކީ މެޗުތައް އޭނާއަށް ގެއްލުނު ނަމަވެސް، "ވޯލްޑް ކަޕަށް ވަގުތު އޮއްވައި އޭނާ އެނބުރި އަންނާނެ ކަމަށް ބެލެވޭ" ކަމަށް ކްލަބުން ބުނެފައިވެއެވެ.

އަނިޔާއާ ގުޅިގެން ޔަމާލް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި އަނިޔާގެ ސަބަބުން އެންމެ ކުޅެން ބޭނުންވި ވަގުތު ދަނޑާ ދުރަށް ދާން ޖެހުމަކީ ބުނެދޭން ނޭނގޭހާ ބޮޑު ދެރައެއް ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންނާއެކު ހަނގުރާމަ ނުކުރެވޭތީ ދެރަވާ ކަމަށާއި، ނަމަވެސް ޓީމުގެ އެހެން ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ލަ ލީގާގެ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ބާސެލޯނާއެވެ. އެ ޓީމު އޮތީ ދެވަނައިގައި އޮތް ރިއަލް މެޑްރިޑަށްވުރެ 9 ޕޮއިންޓް ކުރީގައެވެ. ބާސެލޯނާއަށް ލީގުގައި ބާކީ 6 މެޗު އޮތްއިރު، މެއި މަހުގެ 10 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ރިއަލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަކީ ފާހަގަކޮށްލެވޭ މެޗެކެވެ.

ސްޕެއިންގެ ވޯލްޑް ކަޕް ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 15 ވަނަ ދުވަހު ކޭޕް ވާޑޭއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ގްރޫޕް އެޗްގައި ދެން ސްޕެއިން ބައްދަލުކުރާނީ ޖޫން 21 ގައި ސައުދީ އަރަބިއްޔާއާ އަދި ޖޫން 27 ގައި އުރުގުއާއީއާއެވެ.