މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާތަނެއް؛ މިސްކިތްތައް ދާއިރު، ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވޭ!
މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ މުޤައްދަސް ތަންތަން ކަމަށްވާއިރު، މިސްކިތަށްދާ މީހާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ. އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅުވާނެކަން ފާހަގަކޮށް، މީސްތަކުންގެ ތެރެއަށް ނުކުންނައިރު ސާފުތާހިރުވުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފައެވެ.
އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީންކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށާއި، ނަމާދަށް ހުއްޓެނީ ވެސް ވުޟޫކޮށް ތާހިރުވެގެން ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ހަށިގަނޑާއި ފޭރާމާއި އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.
ހިތާއި ބޭރުފުށުގެ ތާހިރުކަން
ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއް ނޫންކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، ޝިރުކާއި، ޙަސަދައާއި، ޝައްކުތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ ފުރިހަމަ ކަމެއް ނޫން ކަމަށެވެ. އެއީ ގަނޑުވަރެއްގެ ބޭރު ޒީނަތްތެރިކޮށްފައި އޭގެ އެތެރެ ގޮނޑަކަށް ހެދުން ފަދަ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ޢައުރަ ކަޝްފުކުރުމުގެ ނުރައްކާ
ޒަމާނީ ވަސީލަތްތަކާއެކު ސާފުތާހިރުވުމުގެ ނަމުގައި ދީނީ އިންތަކުން ބޭރުވާތީ އެކަމަށް ވެސް ޚުޠުބާގައި އިންޒާރު ދިނެވެ. އެގޮތުން ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށް ނުވަތަ "ލޭޒާ ޓުރީޓްމެންޓު" ހެދުމަށް ޓަކައި، ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މިފަދަ ކަންކަން ހުއްދަވާނީ ހަމައެކަނި ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތްތަކުގައި ކަމަށް ބަޔާންކުރިއެވެ.
ނުބައި ވަސްތަކުން އެހެން މީހުންނަށް އުނދަގޫ ނުކުރުން
މިސްކިތުގެ ޖަމާޢަތަށް ދާއިރު ފިޔާ، ލޮނުމެދު ފަދަ ތަކެތި ކައިގެން ނުދިއުމަށް ރަސޫލާ ﷺ ދެއްވާފައިވާ އިރުޝާދުތަކަށް ޚުޠުބާގައި އަލިއަޅުވާލިއެވެ. "އާދަމުގެ ދަރީންނަށް އެ ކަމަކުން އުނދަގޫވާ ކަންތައްތަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ." މި ޙަދީޘްފުޅަށް ރިޢާޔަތްކޮށް، ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވަތަ ގައިން ދާވަސް ދުވާ ޙާލުގައި މިސްކިތަށް ނުދިއުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ. އެފަދަ ތަންތަނަށް ދާންވާނީ އެ ވަސްތައް ކަނޑުވައިގެން ކަމަށް ޚުޠުބާގައި ބުންޏެވެ.
އިސްލާމްދީނަކީ ރީތިކަމަށް ލޯބިކުރާ، އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީނެއްކަން ފާހަގަކުރަމުން، ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.
Ads by MACL
