ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާނަށް ބޭރުކުރުމަށް މަޝްވަރާކޮށްފި

އިކޮނޮމިކް މިނިސްޓަރު ސައީދު އާއި ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ރެން ޖިންޑޮންގް ----
އިކޮނޮމިކް މިނިސްޓަރު ސައީދު އާއި ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ރެން ޖިންޑޮންގް ----

ދިވެހިރާއްޖޭގެ ކަނޑުމަހާއި މަހުގެ އެކި އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ޗައިނާގެ އިސް ވަފުދަކާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ރެން ޖިންޑޮންގް އިސްކޮށް ހުންނަވައިގެން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. ވަޒީރު ސައީދު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ދެ ޤައުމުގެ ދެމެދުގައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފް.ޓީ.އޭ) މަންފާ އެންމެ ފުރިހަމައަށް ހޯދުމެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެފަރާތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ވަނީ ވާހަކަދެކެވިފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުކުރާ ތަކެތި އިތުރުކުރުމަށް މި ބައްދަލުވުމުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވީ، ސިޗުއާން ޕްރޮވިންސްގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ޚާއްޞަކޮށް މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން އެހެނިހެން ސިނާޢީ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ޗައިނާގެ މާރކެޓުން ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.