ނަފްސާނީ ދަތިތަކަށް އެހީތެރިކަން ހޯދުމަށް ސިއްހަތާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި
ނަފްސާނީ ގޮތުން އެކި ކަހަލަ ދަތިތަކާއި އުނދަގޫތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ލަސްނުކޮށް ކަމާގުޅޭ ފަންނީ އެހީތެރިކަން ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިލްތިމާސްކުރައްވައިފިއެވެ.
މުޖުތަމައުގައި ހިތާމަވެރި ހާދިސާތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 1677 މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ނަފްސާނީ އެހީތެރިކަން ހޯދޭނެ ކަމަށެވެ. މިއީ އެއްވެސް މެދުކެނޑުމެއްނެތި 24 ގަޑިއިރު ޚިދުމަތް ދެމުންދާ ހޮޓްލައިނެއްކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ގުޅުންހުރި މުއައްސަސާތަކާއި ތަޖުރިބާކާރުންނާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން އޯގާތެރި އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްގެ ގޮތުގައި އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ހިމެނޭ ފޮޓޯ އަދި ވީޑިއޯތައް ނުފެތުރުމަށްވެސް މިނިސްޓްރީން ވަނީ ހަރުކަށިކޮށް އިލްތިމާސްކޮށްފައެވެ.
މިފަދަ މަޢުލޫމާތުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހުންނަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތައް ކުރާނެ ކަމަށާއި، އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރުމަށް އެ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
Ads by MACL
