ވިނީޝިއަސްއަށް ބަހުގެ ހަމަލާދިން މައްސަލާގައި ބެންފީކާގެ ޕްރެސްޓިއާނީ 6 މެޗަށް ސަސްޕެންޑްކޮށްފި
ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗެއްގައި، އެ ޓީމުގެ ވިނީޝިއަސް ޖޫނިއާއަށް އަމާޒުކޮށް ފުރައްސާރައިގެ ބަސްތަކެއް ބޭނުންކުރި މައްސަލާގައި ބެންފީކާގެ ވިންގާ ޖިއަންލޫކާ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑްކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ.
ޔޫއެފާއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ޕްރެސްޓިއާނީއަށް އިއްވި ހަ މެޗުގެ ސަސްޕެންޝަނުގެ ތެރެއިން ތިން މެޗުގެ އަދަބު ތަންފީޒުކުރާނީ ދެ އަހަރު ދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތަކަށް ފަހުގައެވެ. އޭނާ ވަނީ މިހާރުވެސް އެއް މެޗުގެ ސަސްޕެންޝަނެއް ފުރިހަމަކޮށްފައެވެ. އެހެންކަމުން އޭނާ އަދި އިތުރަށް ދެ މެޗުގެ ސަސްޕެންޝަނެއް ފުރިހަމަކުރަން ޖެހޭނެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ފެބްރުއަރީ މަހު ކުޅުނު ޗެމްޕިއަންސް ލީގު ޕްލޭއޮފްގެ ފުރަތަމަ ލެގުގައެވެ. އެ މެޗުގެ ދެވަނަ ހާފުގައި ވިނީޝިއަސް ލަނޑު ޖެހިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހިނގި މި ހާދިސާއާ ގުޅިގެން މެޗު 11 މިނެޓަށް މެދުކަނޑާލަން ޖެހުނެވެ. ޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ޕްރެސްޓިއާނީ އޭނާގެ ޖާޒީން އަނގަމަތި ނިވާކޮށްގެން ހުރެ ވިނީޝިއަސްއާ ދިމާލަށް އެކި އެއްޗެހި ބުނަމުންދިޔައެވެ.
Ads by BMLޕްރެސްޓިއާނީ ވަނީ ނަސްލީ ތަފާތުކުރުމުގެ ބަސްތަކެއް ބޭނުންކުރި ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް ރެއާލް މެޑްރިޑްގެ އައުރެލިއަން ޗުއަމެނީ ބުނި ގޮތުގައި، ޕްރެސްޓިއާނީ ވަނީ ވިނީޝިއަސްއަށް ނަސްލީ ގޮތުން ދިމާކުރުމުގެ ބަދަލުގައި ހޯމޯފޯބިކް ކޮމެންޓެއް ކުރި ކަމަށް އޭނާ ގާތު އެއްބަސްވެފައެވެ.
ޔޫއެފާއިން ބުނީ މި ސަސްޕެންޝަން މުޅި ދުނިޔެއަށް ފުޅާކުރުމަށް ފީފާގައި އެދޭނެ ކަމަށެވެ. ބެންފީކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރެސްޓިއާނީއަށް ދީފައިވާ އަދަބުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ބާކީ އޮތް ދެ މެޗުގެ ސަސްޕެންޝަން ޔޫއެފާގެ މެޗުތަކުގައި ނުވަތަ އާޖެންޓީނާގެ ގައުމީ ޓީމުގެ މެޗުތަކުގައި ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.
އާޖެންޓީނާއަށް ނިސްބަތްވާ ޕްރެސްޓިއާނީ މިހާތަނަށް އެ ގައުމުގެ ގައުމީ ޓީމަށް ކުޅެދީފައިވަނީ އެންމެ މެޗެކެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު އެންގޯލާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ.
Ads by MACL
