ބެޓިސް އަތުން ރެއާލް އެއްވަރުވެ، ބާސެލޯނާއަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތު ގެއްލިއްޖެއެވެ. މެޗުގެ ފަހު ވަގުތު ބެޓިސްއަށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ހެކްޓަރ ބެލެރިންއެވެ.
މި ނަތީޖާއާއެކު ބާސެލޯނާ މިވަގުތު އޮތީ ރެއާލް މެޑްރިޑަށްވުރެ އަށް ޕޮއިންޓް ކުރީގައެވެ. ހޮނިހިރު ދުވަހު ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗުން ހަންސީ ފްލިކްގެ ބާސެލޯނާ މޮޅުވެއްޖެނަމަ، ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެ ޓީމަށް މިހާރު ވަނީ ފަހިވެފައެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ވަނީ ލަނޑެއް ޖަހައި ރެއާލް މެޑްރިޑަށް ކުރިހޯދައިދީފައެވެ. މިއީ ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ބާރު ހަމަލާއެއް ބެޓިސްގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ވިނީޝިއަސް ކާމިޔާބުކުރި ލަނޑެކެވެ. މީގެ އިތުރުން ޖޫޑް ބެލިންހަމް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބެޓިސްގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލްގެ ކީލިއަން އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ އެ ލަނޑު ބަލައެއް ނުގަނެއެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް، އަނިޔާގެ ސަބަބުން ކަމަށް ބެލެވޭ ގޮތަކަށް އެމްބާޕޭ ވަނީ ބަދަލުކޮށްދިނުމަށް އެދިފައެވެ. މިއީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ފްރާންސް ޓީމަށް ލިބުނު ކަންބޮޑުވުމެކެވެ.
ބެޓިސްއިން މެޗުގެ ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭގައެވެ. އެންޓޯނިއޯ ރޫޑިގާ ބްލޮކްކުރި ހުރަހަކުން ނުކުތް ބޯޅަ، އޭރިއާ ތެރޭގައި ހުރި ބެލެރިން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗުގައި ރެއާލްގެ ކީޕަރު އަންޑްރީ ލުނިން ވަނީ ބެޓިސްގެ އެންޓަނީ އާއި ކޫޗޯ ހެނާންޑޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ހުއްޓުވައި، މޮޅު ކުޅުމެއް ދައްކާފައެވެ.
Ads by MACL
