އަނެއްކާ ވެސް ބުލީ ކޮށް ފުރައްސާރަކޮށްފި؛ މިފަހަރު އައްޑޫ ޝަރަފުއްދީން ސްކޫލުގައި ކިޔަވާ އަންހެން ދަރިވަރަކަށް!
އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައި ކިޔަވަމުންދާ އަންހެން ދަރިވަރަކަށް، އެ ސްކޫލުގެ އެހެން ދަރިވަރުންތަކެއް ބުލީކޮށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި ހަފްތާގެ ތެރޭގައި ހިނގި މި ހާދިސާތަކުގައި އެ ކުއްޖާއަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި، އިޖުތިމާއީ މިންގަނޑާ ހިލާފު އިޝާރާތްތައް ކުރުން ހިމެނެއެވެ.
މި މައްސަލައިގެ ތަފްސީލު އެނގޭ ފަރާތަކުން "ޖީލު އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ ކްލާސްރޫމްގައި މުދައްރިސަކު ނެތް ވަގުތެއްގައި ފިރިހެން ދަރިވަރަކު ވަނީ އެ އަންހެން ކުއްޖާގެ ކަރަށް ލޭސްގަނޑެއް އޮޅައި ބާރުކޮށްފައިކަމަށާއި މި އަމަލު ހިންގަމުން ދިޔައިރު، އެހެން ދަރިވަރަކު ވަނީ ކަރަށް އިތުރަށް ވާންކުރުމަށް ހިތްވަރުދީފައިަކަމަށެވެ. އަދި ކުއްޖާގެ ފަހަތުން ކަރަށް ލޭސްގަނޑު އޮޅައި ވާންކުރުމުން ކުއްޖާ ހާސްވެ، ދޫކޮށްލަން އެދެމުން ދިޔަ ކަމަށް ވެސް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ. މީގެ އިތުރުން، އެހެން ދުވަހެއްގައި އެ ކުއްޖާގެ އަތަށް ތަދުވާ ގޮތަށް އުލަކުން ޖައްސާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެކުއްޖާގެ އާއިލާއިން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އެގޮތުން އާއިލާއިން ބުނީ ކަރުގެ ލޭސްގަނޑު އޮޅާ ބާރުކުރުމުން އަމިއްލަ ދިފާއުގައި މަސައްކަތްކޮށް އެ ކުއްޖާ ސަލާމަތްވީ އިރުކޮޅެއް ފަހުން ކަމަށާއި، އެކަމުގެ ސަބަބުން ކުއްޖާއަށް ސިނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެއަށް ގޮސްފައިވާ ކަަމަށް އާއިލާއިން ބުނެއެވެ.
ސްކޫލުގެ ފިޔަވަޅުތަކާ މެދު ބެލެނިވެރިންގެ ކަންބޮޑުވުން
އާއިލާއިން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ވަނީ ސްކޫލުގެ ސަމާލުކަމށް ވެސް ގެބެސްފައި އެވެ. އެހެން ނަމަވެސް ބުލީކުރި ފިރިހެން ކުއްޖާގެ ގޮނޑި އެހެން ތަނަކަށް ބަދަލުކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ބުންޏެވެ. ބައެއް ބެލެނިވެރިން ތުހުމަތު ކުރާ ގޮތުގައި، ބުލީކުރުމުގައި ނުފޫޒުގަދަ ފަރާތެއްގެ ދަރިއަކު ހިމެނޭތީ ސްކޫލުން މިކަން އެންމެ ސީރިއަސްކޮށް ނުބަލައެވެ.
"މިތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ. ބުލީގެ ޝިކާރައައްވި ކުއްޖާ މިހާރު ސްކޫލަށް ދާންވެސް ބިރުގަނޭ، ހުންނަނީ ޖެހިލުންވެފަ. މިކަން ސްކޫލުގެ ސަމާލުކަމަށް ވެސް ގެނައިން، އެހެން ނަމަވެސް ފިވަޅެއް ނާޅާ." މައުލޫމާތު ދިން އެކުއްޖާގެ އާއިލާ މީހަކު ކިޔައިދިނެވެ.
ޝަރަފުއްދީން ސްކޫލަކީ މީގެ ކުރިން ވެސް ބުލީގެ މައްސަލަތައް ފެންމަތިވެފައިވާ ތަނަކަށް ވާއިރު، ގިނަ އަދަދެއްގެ ކުދިން ކިޔަވާ ސްކޫލްތަކުގައި މިފަދަ ކަންކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅު ނޭޅޭތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ހާދިސާ ހިނގި ވަގުތު ކްލާހުގައި މުދައްރިސަކު ނެތްކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
Ads by BMLމުޖުތަމައުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި މިފަދަ ޙާދިސާތަކާ ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު ޤައުމެއްގެ ޙައިސިއްޔަތުން އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެން ޝާމިލުވާ ޒިންމާއެއްކަން ފާހަގަކޮށް، އާއިލާތަކާއި ރައްޓެހިން ގުޅިގެން އެކަކު އަނެކެއްގެ ހާލު ބެލުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ނޭޝަނަލް މެންޓަލް ހެލްޕްލައިންގެ ނަންބަރު 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް އެ ޚިދުމަތުގެ ބޭނުން ހިފުމަށް ވުޒާރާއިން ވަނީ ބާރުއަޅާފައެވެ.
Ads by MACL
