މާލޭގައި 500 ހައުސިން ޔުނިޓު އެޅުމަށް ޗައިނާއާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފި
ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓު ބިނާކުރުމުގެ މުހިންމު މަޝްވަރާތަކެއް ނިންމާ، ދެ ގައުމުގެ ދެމެދުގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރެވުނީ މި މަހުގެ 21 އިން 22 އަށް ޗައިނާގެ ބެއިޖިންގްގައި ބޭއްވުނު "ތިންވަނަ ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް" ކޮންފަރެންސްގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވަނީ ބޯހިޔާވަހިކަމުގެ މި މަޝްރޫއު ކުރިއަށްގެންދާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، މަޝްވަރާގެ ޔައުމިއްޔާގައި ސޮއިކުރައްވާފައެވެ.
މި އިގްތިސާދީ އަދި އިޖުތިމާއީ މުހިންމު ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) ގެ ވައިސް ޗެއާމަން ލިއު ޖުންފެންގް އެވެ.
މި މަޝްރޫއުގެ އެންމެ ހާއްސަ އެއް ކަމަކީ، މިއީ ޗައިނާ ސަރުކާރުން ދޭ "އިންޓަރެސްޓް ފްރީ" ނުވަތަ އެއްވެސް އިންޓަރެސްޓެއް ނުނަގާ ގޮތަށް ހަމަޖައްސާ މާލީ ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށް ވުމެވެ. މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމާއެކު، އުމްރާނީ ތަރައްގީގެ ރޮނގުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ފާހަގަކުރެއެވެ.
Ads by MACL
