ހިޔާލުފާޅުކުރުމަށް ސަރުކާރުން ހުރަހެއް ނާޅާ، މާލޭގެ އިތުރު ސަރަހައްދުތަކުގައި މުޒާހަރާކުރުމަށް ހުއްދަދީފި
މާލޭގައި ހުއްދަ ނެތި މުޒާހަރާކުރުމުގެ ތަންތަން އިތުރުކޮށް ގެޒެޓު ކޮށްފިއެވެ.
ކުރީގައި މާލޭގައި ހުއްދަ ނެތި މުޒާހަރާކުރުމުގެ ފުރުސަތު ލިބިފައިވަނީ ހަމައެކަނި ކާނިވާ ސަރަހައްދުގައެވެ. އެހެނިހެން ސަރަހައްދުތަކުގައި މުޒާހަރާކުރުމަށް ފުލުހުންގެ ހުއްދަ ހޯދުން ލާޒިމުވެފައިވެއެވެ.
ހޯމް މިނިސްޓްރީގެ އިޢުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ބަދަލު ގެނެވިފައިވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، ހުއްދަ ނެތި މުޒާހަރާކުރެވޭނެ ކަމަށް ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއްގައި ކަމަށްވާތީ، މާލޭގައި އެ ފުރުސަތު އިތުރަށް ފަހިކުރުމުގެ މަޤްޞަދުގައެވެ.
Ads by BMLމިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ބަދަލާއެކު ކާނިވާ ސަރަހައްދުގެ އިތުރުން އަދި ތިން ސަރަހައްދެއްގައި ފުލުހުންގެ ހުއްދަ ނެތި މުޒާހަރާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެ ސަރަހައްދުތަކަކީ ރަސްފަންނު ސަރަހައްދާއި، މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދެވެ.
ފުލުހުންގެ ހުއްދައާއެކު މުޒާހަރާކުރެވޭނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ހުއްދަ ނެތި މުޒާހަރާތައް ބޭއްވިފައިވާކަން ފާހަގަކުރެވެއެވެ.
Ads by MACL
