މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކުރި ހާދިސާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރޭ މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ހިނގި މި ހާދިސާގެ ވީޑިއޯ ފެނިވަޑައިގަތުމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށާއި އެއްވެސް ސިޔާސީ ލީޑަރަކަށް ހަމަލާދީ ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށްމެ އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން މޭޔަރު އާޒިމް ސަރުކާރަށް ކުރެއްވި ތުހުމަތުތަކަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. ތަރުޖަމާނު ވިދާޅުވީ، މިއީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ ދޮގު ވާހަކަ ފެތުރުމަކީ ހައިރާންވާ ފަދަ ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ. އެފަދަ ބޮޑު ތުހުމަތެއް ކުރެއްވީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށްކަން މޭޔަރަށް ސާފުކޮށްދެއްވިފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގިކަމަށް ބުނާއިރުވެސް، އެމްޑީޕީން ނުވަތަ ސިޓީ ކައުންސިލުންވެސް މިހާތަނަށް ފުލުހަށް މައްސަލަ ރިޕޯޓުކޮށްފައި ނުވާކަން ސަރުކާރުން ހާމަކުރެއެވެ. އެހެންނަމަވެސް، މީސްމީޑިއާގައި ދައުރުވި ވީޑިއޯއާ ގުޅިގެން ފުލުހުން މިހާރު އަމިއްލަ އިސްނެގުމަށް މި މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ސަރުކާރުން ބުނި ގޮތުގައި، މޭޔަރަކީ ދައުލަތުގެ ޙައިސިއްޔަތުން ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ބޭފުޅެކެވެ. އަދި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮންނަ ނުރައްކާ ފުލުހުން އަބަދުވެސް ވަޒަންކުރަމުންދާނެ ކަމަށާއި، އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ އަރުވާފައެވެ.
Ads by MACL
