ތިލަފުށީގެ "ލޯކަލް ހާބަރ" އީއައިއޭ އަށް އެމްޕީއެލް އިން ބިޑަށް ހުޅުވާލައިފި
ތިލަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "ލޯކަލް ހާބަރ ރިލީފް ޕްރޮޖެކްޓް" ގެ ތިމާވެށީގެ އަސަރު ދެނެގަންނަ ރިޕޯޓް ނުވަތަ އީއައިއޭ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބީލަމަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢަކީ މާލެ ސަރަހައްދުގެ ބަނދަރުތަކަށް ދިމާވެފައިވާ ބާރުބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިކުރުމަށް އެމްޕީއެލްގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ތިލަފުށީގެ ފަޅު ފުންކުރުމާއި، ބިން ހިއްކުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ޕައިލް ކުރުން ފަދަ އުމްރާނީ ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ކުރިއަށްދާނެއެވެ. އެހެންކަމުން ހޮވޭ ކޮންސަލްޓަންޓެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ މި މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަންކަން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާއެކު ފުރިހަމަ ރިޕޯޓެއް އެކުލަވާލުމެވެ.
Ads by BMLއީއައިއޭ ރިޕޯޓު ތައްޔާރުކުރުމުގައި ކަނޑުގެ ފެނުގެ ފެންވަރާއި، ފަރުތަކުގެ ހާލަތާއި، މަސްމަހާމެހީގެ އާބާދީގެ އިތުރުން ކަނޑުގެ ދިރުންތަކަށް އަންނާނެ ބަދަލުތައް ވަޒަންކުރަންޖެހެއެވެ. މީގެ އިތުރުން އެއްގަމުގެ ހާލަތާއި، ވައިގެ ފެންވަރާއި، މަސައްކަތުގެ ތެރެއިން އުފެދޭ އަޑުގެ ނުފޫޒާއި، އޮއިވަރަށް އަންނަ ބަދަލުތައް ދިރާސާކޮށް، މަސައްކަތުގެ ތެރެއިން އުފެދޭ ކުނިބުންޏާއި ކެމިކަލް ފަދަ ތަކެތި މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ހުށަހަޅަންޖެހެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވާންޖެހޭއިރު، އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 13 މެއި 2026 އެވެ. ބީލަންތައް އިވެލުއޭޓް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހުށަހަޅާ އަގަށް ކަމަށާއި، މަސައްކަތުގެ ތަޖުރިބާ ހުރި މިންވަރު "ޕާސް ނުވަތަ ފެއިލް" އުސޫލުން ބަލާނެ ކަމަށް އެމްޕީއެލް އިން މަޢުލޫމާތުދެއެވެ.
ކޮންސަލްޓަންޓްގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ވިޔަފާރިވެރިން ފަދަ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ މިންގަނޑުތަކަށް ފެތޭ ރިޕޯޓެއް ތައްޔާރުކޮށް އެ އެޖެންސީގެ ހުއްދަ ހޯދުން ހިމެނެއެވެ.
އެމްޕީއެލް އިން ބައެއް ތަފާސްހިސާބުތައް ފޯރުކޮށްދިން ނަމަވެސް، ހުރިހާ މަޢުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށް ފުރިހަމަ އީއައިއޭ ހުއްދައެއް ހޯދުމަކީ ބީލަން ކާމިޔާބުކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
Ads by MACL
