ބަޑި ޖެހިޔަސް ބިރެއް ނުގަންނާނެ، އީރާނުގެ ހަނގުރާމައަށް ވެސް ހުރަހެއް ނޭޅޭނެ: ޓްރަމްޕް
ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ އަހަރީ ރޭގަނޑުގެ ފަރިއްކޮޅުގެ ތެރެއިން ހިނގި ބަޑީގެ ހަމަލާގެ ސަބަބުން، އީރާނާއެކު ކުރަމުންދާ ހަނގުރާމައިން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، މި ހާދިސާއަކީ އީރާނުގެ މައްސަލައާ ގުޅުންހުރި ކަމެއް ކަމަށް ގަބޫލުފުޅު ނުކުރެއްވި ނަމަވެސް، އެކަން މުޅިން ދޮގުކުރެވެން ނެތް ކަމަށެވެ.
"އީރާނުގެ ހަނގުރާމައިން މޮޅުވުމަށް އަޅުގަނޑު ކުރާ މަސައްކަތަކަށް މިކަމުން ހުރަހެއް ނޭޅޭނެ. މި ހާދިސާއާ އެކަމާ ގުޅުމެއް އޮތް ކަމެއް އަދި ނޭނގޭ، އެކަމަކު މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެއީ ގުޅުމެއް އޮތް ކަމެއް ކަމަކަށް ނުބެލެވޭ،" ޓްރަމްޕް ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ އީރާނުގެ މަޝްވަރާތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، ޕާކިސްތާނަށް ފޮނުވަން އޮތް ސުލްހައިގެ ވަފުދުގެ ދަތުރު ޓްރަމްޕް ކެންސަލް ކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ބޭއްވި69 މި ފަރިއްކޮޅުގެ ތެރެއިން ބަޑީގެ ހަމަލާ ދީފައިވަނީ ހޯލުން ބޭރުގައެވެ. މި ހާދިސާގައި ޓްރަމްޕަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައި ނުވާއިރު، ސިއްރު ފުލުހުން ވަނީ ވަގުތުން ރައީސް އާއި އެހެނިހެން އިސްވެރިން އެ ސަރަހައްދުން ރައްކާތެރިކަމާއެކު ބޭރުކޮށްފައެވެ. މި ހަމަލާގައި އެއް ފުލުހަކަށް ބަޑީގެ އުންޑަ އެރި ނަމަވެސް، އޭނާ ލައިގެން ހުރި ވަޒަން ނާރާ ފޭރާމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހަމަލާދިން މީހާގެ މައުލޫމާތު
ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ކެލިފޯނިއާގެ ޓޮރެންސްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ޓޯމަސް އެލަން އެވެ. އޭނާ ހައްޔަރުކުރިއިރު އަތުގައި ގިނަ އަދަދެއްގެ ހަތިޔާރު ހުރި ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ އެޓަރނީ ޖީނީން ޕިރޯ ވިދާޅުވީ، ހަތިޔާރު ބޭނުންކުރުމާއި ފުލުހަކަށް ހަމަލާދިނުމުގެ ދައުވާ އެލަންގެ މައްޗަށް މިހާރު އުފުލާފައިވާ ކަމަށާއި، އަންނަ ހޯމަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރެވޭނެ ކަމަށެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ރައީސްކަމަކީ ނުރައްކާތެރި ވަޒީފާއެއް ކަމަށާއި، މިފަދަ ހަމަލާތަކަކީ މަސައްކަތުގެ ބައެއް ކަމަށެވެ.
"ތިމާއަކީ ނުފޫޒުގަދަ މީހަކަށް ވާނަމަ، މީހުން ތިމާގެ ފަހަތުން އަންނާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން ސިއްރު ފުލުހުން ދެއްވި ހުޝިޔާރު ހިދުމަތަށް ރައީސް ވަނީ ތައުރީފު ކުރައްވާފައެވެ.
ހަމަލާގެ ވަގުތުގައި ހޯލް ތެރޭގައި ތިބި އެތައް ސަތޭކަ ނޫސްވެރިންނާއި މެހެމާނުން ވަނީ މޭޒުތަކުގެ ދަށަށް ވަދެ ރައްކާތެރިކަން ހޯދާފައެވެ. ރައީސް ޓްރަމްޕް ހޯލުން ބޭރަށް ގެންދިޔަ ވަގުތު، އޭނާ ކުޑަކޮށް އަރި އަޅާލި ނަމަވެސް ސިއްރު ފުލުހުން ވަނީ އޭނާ ހިފަހައްޓާފައެވެ.
މި ހާދިސާގެ އިތުރު ތަފްސީލާއި ހަމަލާދިން މީހާގެ މަގްސަދު ހޯދުމުގެ މަސައްކަތް ތަހުގީގީ އިދާރާތަކުން ދަނީ ކުރަމުންނެވެ.
Ads by MACL
