ބަނގްލަދޭޝްގައި ހިިިމަބިހި ފެތުރެނީ، ހުރިހާ ހޮސްޕިޓަލްތަކެއް ފުރިބާރުވެއްޖެ
މިއީ ބަނގްލަދޭޝްގެ ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހިމަބިހީގެ އައުޓްބްރޭކެވެ. މިކަން މިގޮތަށް ދިމާވީ 2024-25 ވަނަ އަހަރަށް ތާވަލުކުރެވުނު ގައުމީ ވެކްސިން ކެމްޕޭން، އެ ގައުމުގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކާއި މުޒާހަރާތަކާ ގުޅިގެން މެދުކެނޑުމުންނެވެ.
ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާރިޗު 15 އިން ފެށިގެން މިހާތަނަށް 32,300 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، މަދުވެގެން 259 ކުދިން ވަނީ މި ބަލީގައި މަރުވެފައެވެ.
ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ބަލިމީހުން
ބަލި ފެތުރެން ފެށީއްސުރެ ކޮންމެ ދުވަހަކު ގާތްގަނޑަކަށް 1,000 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހެއެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ވެރިރަށް ޑާކާގެ ހޮސްޕިޓަލްތަކަށް ރިފާކުރެވޭ މީހުންނެވެ. މޮހަކާލީ އިންފެކްޝަސް ޑިޒީޒަސް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް ޑރ. އާރިފުލް ބަޝާރު ވިދާޅުވީ، ހޮސްޕިޓަލުގެ ހުރިހާ އެނދެއް ފުރިފައިވުމުން، މިހާރު ބަލިމީހުން ބައިތިއްބަން ޖެހެނީ ކޮރިޑޯތަކުގައި ކަމަށެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ޑރ. ބަޝާރު ފާހަގަކުރެއްވި ގޮތުގައި މި ބަލި ކޮވިޑް-19 އަށްވުރެ ހަ ގުނަ ބާރަށް ފެތުރެއެވެ.
"ބަލިމީހުން އެކަހެރިކޮށް ބޭތިއްބުމަކީ މިހާރު ބޮޑު ގޮންޖެހުމެއް. ނަރުހުން މަދުވުމުގެ ސަބަބުން ބަލި ކުދިންގެ ބެލެނިވެރިން ހޮސްޕިޓަލުގައި މަޑުކުރަން ޖެހުމަކީ ބަލި ފެތުރުން އިތުރުވާ ކަމެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ނުރައްކާތެރިކަން ބޮޑުވުން
ބަނގްލަދޭޝް ޝިޝޫ ހޮސްޕިޓަލް އެންޑް އިންސްޓިޓިއުޓްގެ ޑައިރެކްޓަރު ޕްރޮފެސަރ ޑރ. މުޙައްމަދު މަޙްބޫބުލް ޙައްޤު ވިދާޅުވީ، ހިމަބިހި ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެ، ނިއުމޯނިއާ އަދި ބޭރަށްހިނގުން ފަދަ އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. މިއީ އެ ގައުމުން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ނުރައްކާތެރި ހާލަތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަނގްލަދޭޝްއަކީ 1990 ގެ އަހަރުތަކުން ފެށިގެން ގަވާއިދުން ވެކްސިން ދީގެން ހިމަބިހި ކޮންޓްރޯލްކޮށްފައިވާ ގައުމެކެވެ. ނަމަވެސް ވެކްސިން ދިނުމަށް އައި ކުޑަ މެދުކެނޑުމަކާއެކު، މުޅި ގައުމަށް މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކާ ކުރިމަތިލާން ޖެހިފައެވެ.
Ads by MACL
