ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތުރުކީގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ބިލެއް ފާސްކޮށްފި

ތުރުކީގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ބިލެއް ފާސްކޮށްފި

ތުރުކީގެ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކުރަން ބިލެއް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ.

މިއީ އޮންލައިންކޮށް ކުރިމަތިވާ ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

މި ބިލު ފާސްކޮށްފައި މިވަނީ ތުރުކީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކަހްރަމަންމަރަސްގެ މިޑްލް ސްކޫލެއްގައި 14 އަހަރުގެ ކުއްޖަކު ބަޑިން ހަމަލާދީ ނުވަ ދަރިވަރުންނާއި ޓީޗަރަކު މަރާލި ހާދިސާއަށް ހަފްތާއެއް ވެފައިވަނިކޮށެވެ. އެ ހަމަލާ ދިން ކުއްޖާވެސް މަރުވެފައިވާއިރު، ފުލުހުން ދަނީ އެ ކުއްޖާ އެފަދަ އަމަލެއް ހިންގަން މެދުވެރިވި ސަބަބު ހޯދުމަށް އޭނާގެ އޮންލައިން ހަރަކާތްތައް ތަހުގީގު ކުރަމުންނެވެ.

އަނަޑޯލޫ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރު ކަށަވަރުކުރާ ނިޒާމުތައް ގާއިމުކޮށް، ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭނެ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭނެއެވެ. އަދި ގެއްލުންހުރި ކޮންޓެންޓްތަކަށް ކުންފުނިތަކުން އަވަސް ފިޔަވަޅު އެޅުމަށްވެސް މި ބިލުން ލާޒިމުކުރެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި މި ބިލު ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އުރުދުޣާން ވިދާޅުވީ "ބައެއް ޑިޖިޓަލް އެޕްލިކޭޝަންތަކުން ކުދިންގެ ސިކުނޑިތައް ފާސިދުކުރަމުންދާ ކަމަށާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ މިހާރު ކުނިގޯނިތަކަކަށް ވެފައިވާ ކަމަށެވެ.

މި ގާނޫނުގެ ދަށުން ޔޫޓިއުބް، ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި 15 އަހަރުން ދަށުގެ ކުދިން އެކައުންޓް ހުޅުވުން މަނާވާނެއެވެ. އަދި އޮންލައިން ގޭމް ކުންފުނިތަކުން ތުރުކީގައި މަންދޫބަކު އައްޔަންކުރަން ޖެހޭނެއެވެ. މި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް އިންޓަނެޓް ބޭންޑްވިޑްތް ދަށްކުރުމާއި ބޮޑެތި ޖޫރިމަނާތައް އައުން އެކަށީގެންވެއެވެ.

ނަމަވެސް، އިދިކޮޅު ސީ.އެޗް.ޕީ ޕާޓީން ވަނީ މި ބިލަށް ފާޑުކިޔާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި ކުޑަކުދިން ރައްކާތެރިކުރަން ޖެހޭނީ މަނާކުރުންތަކުގެ ބަދަލުގައި ހައްގުތަކަށް ބިނާކޮށް އެކުލަވާލާ ސިޔާސަތުތަކުންނެވެ. ތުރުކީގެ އިތުރުން އޮސްޓްރޭލިއާ، އިންޑޮނޭޝިއާ، އަދި ވިލާތުގެ ބައެއް ގައުމުތަކުންވެސް ދަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.