ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެސީ އޮޅުވާލިކަމަށް ބުނެ އާޖެންޓީނާގެ އެފްއޭއާ ދެކޮޅަށް 7 މިލިއަން ޑޮލަރުގެ ދައުވާއެއް!

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ
އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އާ ދެކޮޅަށް، އެމެރިކާގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި މެސީ ބައިވެރިނުވުމާ ގުޅިގެން 7 މިލިއަން ޑޮލަރުގެ ބޮޑު ދައުވާއެއް އުފުލައިފިއެވެ. މި މައްސަލަ އުފެދުނީ މިދިޔަ އޮކްޓޯބަރު މަހު ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ނުކުޅުމުން، ކޮންޓްރެކްޓާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.

ދަ އެތުލެޓިކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދައުވާ އުފުލާފައިވަނީ މިއާމީގެ އިވެންޓްސް ކުންފުންޏެއް ކަމަށްވާ ވީއައިޑީ މިއުޒިކް ގްރޫޕުންނެވެ. އެ ކުންފުނިން ވަނީ އޮކްޓޯބަރު މަހުގެ އެކުވެރިކަމުގެ މެޗުތަކުގެ އެކްސްކްލޫސިވް ރައިޓްސް ހޯދުމަށް 7 މިލިއަން ޑޮލަރު ދައްކާފައެވެ. އެއްބަސްވުމުގައިވާ ގޮތުން، އަނިޔާގެ ސަބަބުން ނޫން ގޮތަކަށް މެސީ ކޮންމެ މެޗެއްގައި މަދުވެގެން 30 މިނެޓު ކުޅެން ޖެހެއެވެ.

ވެނެޒުއޭލާ މެޗުން މެސީ ބާކީކުރީ އަނިޔާގެ ސަބަބުން ކަމަށް ބުނި ނަމަވެސް، އޭގެ އެއް ދުވަސް ފަހުން އޭނާ ވަނީ އިންޓަ މިއާމީއަށް ކުޅެދީ ދެ ލަނޑު ޖަހާފައެވެ. ވެނެޒުއޭލާ މެޗު ކުރިއަށް ދިޔައިރު މެސީ ފެނިފައިވަނީ އޭނާގެ އާއިލާއާއެކު ވީއައިޕީ ސޫޓެއްގައި މެޗު ބަލަން އިންދައެވެ. މެސީ ނުކުޅުމުގެ ސަބަބުން ހާޑް ރޮކް ސްޓޭޑިއަމްގެ ޓިކެޓް ވިކުނީ އެންމެ 23 އިންސައްތައަށެވެ.

މީގެ އިތުރުން، ޕުއެރްތޯ ރިކޯއާ ދެކޮޅަށް ކުޅެން އޮތް މެޗު ޝިކާގޯއިން މިއާމީއަށް ބަދަލުކުރުމުގެ ސަބަބުން ލޮޖިސްޓިކްސް އަދި ޕްރޮމޯޝަނަށް 1.3 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ވީއައިޑީ ކުންފުނިން ބުނެއެވެ. މި ގެއްލުންތަކުގެ ބަދަލު ދިނުމަށް އޭއެފްއޭއިން ވީ ވައުދުތައް ފުއްދާފައިނުވާ ކަމަށްވެސް އެ ކުންފުނިން ތުހުމަތު ކުރެއެވެ.

މި މައްސަލައިގައި އޭއެފްއޭ އާއި މެސީގެ މައްޗަށް 10 ތަފާތު ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ކޮންޓްރެކްޓާ ހިލާފުވުމާއި، އޮޅުވާލުމުގެ ތުހުމަތުތައް ހިމެނެއެވެ. މި މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހެޅިފައެވެ.