ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނގުރާމަ އިތުރަށް ވަރުގަދަކޮށް އޮޕަރޭޝަންތައް ފުޅާކުރުމަށް ޣައްޒާއަށް ރިޒާވް ފޯސް ގެންދަން އިސްރާއީލުން ނިންމައިފި

އިސްރާއީލުގެ ސިފައިން ޣައްޒާގައި
އިސްރާއީލުގެ ސިފައިން ޣައްޒާގައި

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގައި ހިންގާ އެއްގަމުގެ އޮޕަރޭޝަންތައް ފުޅާކުރުމަށްޓަކައި ގިނަ އަދަދެއްގެ ރިޒާވް ސިފައިން މޮބިލައިޒްކުރުމަށް ތައްޔާރުވަމުންނެވެ.

މިއީ ސިފައިންގެ އަދަދު މަދުވަމުންދާ ދަނޑިވަޅެއްގައި، އަދި ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުންގެ މައްސަލައާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާ ވަގުތެކެވެ.

އިސްރާއީލުގެ ނޫސް "ޔެދިއޯތް އަހަރޯނޯތް" އިން ހާމަކުރާ ގޮތުގައި، ބޮޑުވަޒީރު ނެތަންޔާހޫ މިއަދު ސީނިއަރ ވަޒީރުންނާއި ސިފައިންގެ އިސްވެރިންނާއެކު މި މައްސަލައާ ގުޅޭގޮތުން ސަލާމަތީ މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

"ފާއިތުވި ދުވަސްތަކުގެ ތެރޭގައި، ގިނަ އަދަދެއްގެ ރިޒާވް އޮފިސަރުންނަށް ވަނީ އެމީހުންގެ ޔުނިޓްތަކަށް ކުއްލި ގޮވާލުމަކަށް ތައްޔާރުވުމަށް އަންގާފައެވެ،" އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހު ހާލަތު އިތުރަށް ގޯސްވެގެން ދިޔައީ ނެތަންޔާހޫ އިސްރާއީލުގެ ސިފައިންގެ ލަނޑުދަނޑިތަކަކީ ރަހީނުން ސަލާމަތްކުރުމަށްވުރެ މުހިންމު ކަމެއްކަމަށް ބަޔާންކުރުމާ ގުޅިގެންނެވެ.

ހަމާސްއިން ވަނީ އިސްރާއީލުގެ ހުރިހާ ރަހީނުން ދޫކޮށްލުމަށް ހުށަހަޅާފައެވެ. އޭގެ ބަދަލުގައި އެމީހުން އެދެނީ  ހަނގުރާމަ ހުއްޓާލުމަށާއި، ޣައްޒާއިން އިސްރާއީލުގެ ސިފައިން ފޭބުމަށާއި، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނު ޤައިދީން ދޫކޮށްލުމަށެވެ. ނަމަވެސް މި ހުށަހެޅުން ނެތަންޔާހޫ އާއި އޭނާގެ ސަރުކާރުން ވަނީ ބަލައިނުގަނެ ދޫކޮށްލާފައެވެ.

އިސްރާއީލުގެ ސިފައިން ވަނީ ބަޔާނެއް ނެރެ، ރިޒާވް ސިފައިން ގެންގުޅުން "ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު، އޮބްޖެކްޓިވް އަދި ޕްރޮފެޝަނަލް ވިސްނުންތަކުގެ މައްޗަށް ބިނާކޮށް" ކުރިއަށް ގެންދާނެ ކަމަށް ހާމަކޮށްފައެވެ.