ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ނިންމެވުންތައް ތަންފީޒުކުރައްވާނީ ވަރަށް ހަރުކަށިކޮށް: ރައީސް
ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަށް ނިންމާފައިވާ ނިންމެވުންތައް އެއްވެސް ދޫދިނުމެއް ނެތި ވަރަށް ހަރުކަށިކޮށް ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ލުއިކުރުމުގެ ގޮތުން ސަރުކާރުގެ "ސައިޒު" ކުޑަކުރުމުގެ އަމަލީ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކުރިން އޮތް 20 މިނިސްޓްރީގެ އަދަދު 15 އަށް މަދުކޮށް، ބައެއް ވަޒީރުންގެ މަސްއޫލިއްޔާތުތައް އިތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ ޕޮލިޓިކަލް އެޕޮއިންޓީސްގެ އަދަދު މަދު ކުރުމަށް އަދި ސަރުކާރުގެ މި ހަރަދު ކުޑަ ކުރުމަށް ނިންމި ނިންމުން ހަމަ ވަރަށް ސްޓްރިކްޓްލީ ތަންފީޒު ކުރެވެމުން ދާނެ،" ރައީސް ވިދާޅުވިއެވެ.
ސިޔާސީ މަގާމުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، ކޮންމެ ވުޒާރާއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އެންމެ ގިނަ އަދަދު މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބަންދު ދުވަސްތަކުގައިވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މަސައްކަތް ނިމުމުން ވަކިކުރާ މީހުންނާއި އުވާލާ މަގާމުތަކުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޭރު ގައުމުތަކަށް ސަފީރުން އައްޔަންކުރުމާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ އާ މަގާމުތަކެއް ނޫން ކަމަށާއި، އެއީ ކުރިންވެސް ހުރި ހުސް މަގާމުތަކެއް ކަމަށެވެ. އަދި ސަފީރުކަމުގެ ރަސްމީ މަރުހަލާތައް ނިމެންދެން ވަގުތީ ގޮތުން 'އެމްބެސެޑަރ އެޓް ލާޖް' ފަދަ މަގާމުތަކަށް ބޭފުޅުން އައްޔަންކުރަން ޖެހެނީ ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް އުސޫލުތައް ހުންނަ ގޮތުން ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
މަގާމުތަކުން މީހުން ވަކިކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ މަސައްކަތުގެ ފެންވަރަށާއި ގަޑިއަށް ހާޒިރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ބައެއް ބޭފުޅުން ވަކިކުރަން ޖެހެނީ ހަމައެކަނި މަސައްކަތް ދަށްވެގެން ނޫން ކަމަށާއި، ސަރުކާރުގެ އޮނިގަނޑަށް ގެންނަ އިސްލާހީ ބަދަލުތަކުގެ ސަބަބުންވެސް މަގާމުތައް މަދުކުރަން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ މި އިދާރީ ބަދަލުތަކާއެކު ދައުލަތުގެ ހިންގުމުގެ ޚަރަދު ބޮޑުތަނުން ކުޑަކޮށް، ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
Ads by MACL
