ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް މާލޭ ސަރަހައްދުގައި ބިނާކުރަން ސަރުކާރުން ނިންމައިފި
ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ހޮސްޕިޓަލެއް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭ ސަރަހައްދުގައި ބިނާކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ މިއަދު ދިވެހި މުޖުތަމައުއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، އެ ދާއިރާއިން އިޞްލާޙީ ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. މާލޭގައި މިފަދަ ހޮސްޕިޓަލެއް އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
މީގެކުރިން މި މަޝްރޫޢު ލ. ގަމުގައި ކުރިއަށް ގެންދިއުމަށް ރޭވިފައި އޮތް ނަމަވެސް، އެ މަސައްކަތަށް ބޭނުންވާ ބޭރުގެ ލޯނު އެހީ ހަމަޖެހުމުގައި ދިގުލައިގެންދާތީ، ރައީސް ނިންމެވީ މަސައްކަތް އަވަސްކުރުމުގެ ގޮތުން ސަރުކާރުގެ ބަޖެޓުން މިކަމަށް ޚަރަދު ކުރުމަށެވެ. ލޯނު ހަމަޖެހުމުގައި ހުރި އިޖުރާއީ ދަތިތަކުގެ ސަބަބުން މަޝްރޫޢު މަޑުޖެހިފައި އޮތުމަކީ، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލާމު އަތޮޅުގައި އެޅުމަށް ނިންމި ހޮސްޕިޓަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ މަޝްރޫޢު ކެންސަލް ނުކުރާ ކަމަށެވެ. ނަމަވެސް، ކުރިން ހަމަޖައްސަން މަސައްކަތްކުރި ލޯނު ފެސިލިޓީ ލިބުމުން، އެ ފައިސާ ލާމު އަތޮޅުގެ މަޝްރޫޢަށް ނުވަތަ ޞިއްޙީ ދާއިރާގެ އެހެން ކަމަކަށް ބޭނުންކުރުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.
މިވަގުތުގެ އެންމެ ބޮޑު އިސްކަމަކީ، ގިނަ ބަޔަކަށް ޚިދުމަތް ލިބޭނެހެން މާލޭ ސަރަހައްދުގައި މި ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުން ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
Ads by MACL
