ވަޒީރުން ވަކިކުރީ މަސައްކަތް ގޯސްވެގެނެއް ނޫން، ބޭނުމަކީ ސަރުކާރުގެ ސައިޒް ކުޑަކުރުން: ރައީސް
ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ކެބިނެޓަށް ގެނައި ބަދަލުތަކަކީ ވަޒީރުންގެ މަސައްކަތުގެ ފެންވަރު ދަށްވެގެން ނިންމެވި ނިންމެވުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަގާމުތަކުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަދި ނަތީޖާ ނެރެދެއްވައިގެން މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނޭ ކަމަށާއި، އެ ބޭފުޅުން ވަކިކުރަން ޖެހުނީ ސަރުކާރުގެ "ސައިޒް" ކުޑަކޮށް ހިންގުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަށް ކަމަށެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިނިސްޓްރީތައް މަދުކޮށް، ވަޒީރުންގެ ޒިންމާތައް އިތުރުކުރުމަކީ އެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.
މީގެ އިތުރުން ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ރައީސް އޮފީހުން ކުރަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުމާއެކު ގިނަ ބައެއްގެ ވަޒީފާތައް އުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަގާމުތަކުން ވަކިކުރި ބައެއް ބޭފުޅުންނަށް އައު މަގާމުތަކެއް ދެއްވާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދާއި، ޠާރިޤް އިބްރާހީމްގެ އިތުރުން އާދަމް ޝަރީފް ޢުމަރު މިހާރު ވަނީ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރައްވާފައި ކަމަށެވެ.
މި ބަދަލުތަކަކީ މި މަހުގެ 14 ވަނަ ދުވަހު 10 ވަޒީރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ގެނައި ބަދަލުތަކެއް ކަމަށްވާއިރު، އެ ބޭފުޅުން އިސްތިއުފާ ދެއްވީ ސަރުކާރު ހިންގުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކެބިނެޓަށް މިފަދަ ބޮޑު ލޮޅުމެއް އައިސްފައި މިވަނީ، މި ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުންކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
