ޑިޖިޓަލް ބަދަލުތައް ގެންނަންވާނީ ދިވެހިންގެ އިސްނެގުމާއެކު ރާއްޖޭގެ ޙާލަތަށް ބަލައިގެން: ވަޒީރު އިޙްސާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން ރާއްޖެއަށް ގެންނަ ޑިޖިޓަލް ބަދަލުތަކަކީ ދިވެހިންގެ އިސްނެގުމުގެ މަތިން، ރާއްޖޭގެ ޙާލަތަށް ފެތޭ ހައްލުތަކަކަށް ވާންޖެހޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "މޯލްޑިވްސް ޑިޖިޓަލް ސަމިޓް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަހުގެ 27 އިން 29 އަށް ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ސަމިޓަކީ ރާއްޖޭގެ "ޑިޖިޓަލް ފަސްޓް ނޭޝަން" އެޖެންޑާ ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ މުއައްސަސާތަކުގެ ގުޅުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޒަމާނީ ކުރުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ބައްދަލުވުމެކެވެ.
ވަޒީރު އިޙްސާންގެ ވާހަކަފުޅުގައި، ރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވުމުން ދިމާވާ ގޮންޖެހުންތަކަށް އޮތް އެންމެ ބޮޑު ހައްލަކީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކަން ފާހަގަކުރެއްވިއެވެ. ފަންނިއްޔާތުގެ ސަބަބުން ރަށްތަކުގެ މެދުގައި އޮތް ދުރުމިން ކުޑަވެ، ސަރުކާރުގެ ޚިދުމަތްތައް އަވަސް އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކޮންމެ ރަށަކަށްވެސް ފޯރުކޮށްދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭރުގެ ތަޖުރިބާކާރުންގެ ފަރާތުން ކަންކަން ދަސްކުރަންޖެހޭނެ. އެކަމަކު އެކަންކަން ތަންފީޒު ކުރަންވާނީ ރާއްޖޭގެ ޖިއޮގްރަފީއަށާއި، މުއައްސަސާތަކުގެ އޮނިގަނޑަށާއި ރައްޔިތުންގެ އުންމީދުތަކަށް ބަލައި، ދިވެހިންގެ އަމިއްލަ ހައްލުތަކަކާއެކު،" ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން ރައްކާތެރި ޑިޖިޓަލް އައިޑެންޓިޓީއަކާއި، ޤައުމީ ފެންވަރުގައި މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމުތައް ޤާއިމުކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ހަމައެކަނި ފަންނީ މަސައްކަތެއް ނޫން ކަމަށާއި، މީގެ ސަބަބުން ދިވެހި އާއިލާތަކަށާއި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަމިޓުގައި މޮލްޑޯވާގެ ކުރީގެ ޑިޖިޓަލް މިނިސްޓަރާއި، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތުގެ ދާއިރާގެ މާހިރުން ބައިވެރިވެ، ކީ-ނޯޓް ސްޕީޗްތައް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސްއާއި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "ޑީމެޑް" ޕްރޮޖެކްޓާ ގުޅިގެން ކުރިއަށްދާ މި ސަމިޓުގައި، ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލާ ގުޅޭ މުހިންމު ނިންމުންތަކާއި މަޝްވަރާތައް ކުރިއަށްދާނެއެވެ.
Ads by MACL
