ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރަކަށް މުޙައްމަދު އަފީފު ޙުސެއިން ހަމަޖައްސަވައިފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނީގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ މުޙައްމަދު އަފީފު ޙުސެއިން މިއަދު ހަމަޖައްސަވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މި އައްޔަންކުރެއްވުން އިއުލާނުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މުޙައްމަދު އަފީފަކީ އިދާރީ ހިންގުމާއި، އިސްތިރާތީޖީ ރޭވުންތަކުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވުމުގެ އިތުރުން، ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަރސިޓީން ޑައިރެކްޓަރޝިޕްގެ ރޮނގުން 'ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް' ފުރިހަމަކުރައްވާފައިވެއެވެ. އަދި ބިޒްނަސް މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައިވާއިރު، އޭނާއަކީ 'ބެލެންސްޑް ސްކޯކާޑް' އަދި 'ރިސްކް މެނޭޖްމަންޓް' ފަދަ ފަންނީ ދާއިރާތަކުންވެސް ސަނަދު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ދައުލަތުގެ އެކި މުއައްސަސާތަކުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަފީފަކީ، އުމްރާނީ ތަރައްޤީއާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ޝަޚުޞިއްޔަތެކެވެ. ފެނަކައިގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަންގެ މަގާމުގައެވެ. މީގެ އިތުރުން، މީގެ ކުރިން ވަނީ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރައްވާފައެވެ.
އަފީފުގެ މަސައްކަތުގެ ހަޔާތް ފެށިގެން އައީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ތެރެއިންނެވެ. އޭގެ ފަހުން ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ޕަބްލިކ ވޯކްސް، ހައުސިންގ އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުތައް ފުރުއްވައި، ރާއްޖޭގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގައި އޭނާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. މި ތަޖުރިބާތަކާއެކު އަފީފު ފެނަކައާ ހަވާލުވެވަޑައިގަތުމަކީ އެ ކުންފުނީގެ ހިންގުން އައު ހަރުފަތަކަށް ގެންދިއުމަށް ލިބުނު ބޮޑު ބާރެއް ކަމަށް ބެލެވެއެވެ.
Ads by MACL
