ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާނީ ދެވޭ ޚިދުމަތުގެ ފެންވަރަށް ބަލައިގެން: ވަޒީރު ޤީލާ

މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ
މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމުގެ ނިންމުންތައް ނިންމާނީ އެކުދިންނަށް ފޯރުކޮށްދެވޭނެ ޚިދުމަތްތަކުގެ ފެންވަރަށާއި ދައުލަތުގެ ވަސީލަތްތައް ހުރި މިންވަރަށް ރިޢާޔަތްކުރުމަށްފަހު ކަމަށް މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަކީ ހަމައެކަނި ނިންމާލާ ނިންމުމެއް ނޫން ކަމަށާއި، އެއީ ވަކި ޚާއްޞަ ހާލަތްތަކަކަށް ބަލައި، ފަންނީ ގޮތުން ހެދޭ ވަރުގަދަ އެސެސްމަންޓްތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ.

ކުއްޖަކަށް ނުވަތަ މީހަކަށް އެއްވެސް ކަހަލަ އަނިޔާއެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވިއްޖެ ހިނދެއްގައި، އެފަރާތަކަށް އެންމެ ފައިދާހުރި ގޮތަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން ކަމަށް ޓެކްނިކަލް ރިޕޯޓްތަކުން ކަށަވަރުވުމުން ނޫނީ އެ ފިޔަވަޅު ނާޅާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިވަގުތުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި އެކި އުމުރުފުރާތަކުގެ ކުދިން ތިބިކަން ހާމަކުރައްވަމުން ޤީލާ ވިދާޅުވީ، އޭގެ ތެރޭގައި ވަރަށް ތުއްތު ކުދިންނާއި ބޮޑެތިވަމުން އަންނަ އުމުރުފުރާތަކުގެ ކުދިންވެސް ހިމެނޭ ކަމަށެވެ.

ނިމިދިޔަ މާރިޗު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނާ ގުޅޭ 90 އަށްވުރެ ގިނަ މައްސަލަ ދައުލަތަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި، މިއީ މިދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް އިތުރުކޮށް ހަރުދަނާކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.