ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން، އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުއްވި އިޢުލާނެއްގައިވާ ގޮތުން، މި އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި މިހާރު ވަނީ އަންނަ މޭ މަހުގެ 2 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް އާންމުކޮށް ހުޅުވާލާފައެވެ.
ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެނީ އީސީގެ ރަސްމީ އީ-މެއިލް ([email protected]) މެދުވެރިކޮށެވެ. ނަމަވެސް އީ-މެއިލް މެދުވެރިކޮށް ފޯމު ފޮނުވުމުގައި އެއްވެސް ދަތިކަމެއް ދިމާވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އެ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
Ads by BML20 ވަނަ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ. ޤާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ދާއިރާއަކަށް މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ.
މި އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާނުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ހިމެނިވަޑައިގަންނަވާއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގެވެ.
Ads by MACL
