މާލީ ދާއިރާގެ ތަޖުރިބާކާރު ސަރުވަޝް އެމްޑީޕީއާ ގުޅިވަޑައިގެންފި
ރާއްޖޭގެ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ސަރުވަޝް އާދަމް، އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ސަރުވަން ވިދާޅުވި ގޮތުގައި އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ގައުމަށް ބޭނުންވާ މުއައްސަސީ އިސްލާހުތަކާއި އިގްތިސާދީ ބާރުވެރިކަން ހޯދައިދެވޭނީ އެ ޕާޓީއަށް ކަމަށް ގަބޫލުކުރައްވާތީއެވެ. ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމު ފުރުއްވި ސަރުވަޝް އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރެއްވީ އެކްސްގައި މިއަދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
ސަރުވަޝް ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ރާއްޖެއަށް އައި އެންމެ ބޮޑެތި ހެޔޮ ބަދަލުތަކުގެ އަސްލެވެ. އެގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އިޖުތިމާއީ އަދާލަތު ގާއިމުކުރުމާއި، ދައުލަތް ހިންގުމުގެ ނިޒާމަށް ގެނައި އިސްލާހުތަކުގައި އެ ޕާޓީން އަދާކުރި ދައުރު އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ރާއްޖެ އޮތީ އިސްލާހީ އާ ހަރުފަތަކަށް ދާންޖެހިފައިވާ މުހިންމު ދަނޑިވަޅެއްގައެވެ.
އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ، އިގްތިސާދީ ގޮތުން ބާރުވެރި ރައްޔިތެއް ބިނާކުރުމަކީ ސަރުވަޝްގެ ތަސައްވުރެކެވެ. "ރާއްޖޭގެ އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ރާއްޖެ ހަދަންޖެހޭ" ކަމަށް ވިދާޅުވަމުން އޭނާ ފާހަގަކުރެއްވީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ހާމަކަން ބޮޑު އަދި ޖަވާބުދާރީވާނެ ދައުލަތެއް ބިނާކުރެވޭނީ އެމްޑީޕީގެ ސިޔާސަތުތަކުން ކަމަށެވެ.
ސަރުވަޝްއަކީ މާލީ ދާއިރާގެ އުސްތާޒެކެވެ. އޭނާ ވަނީ ފިނޭންސް މިނިސްޓްރީގައި ނުވަ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައި، މީރާގެ ޗެއާޕާސަންކަންވެސް ކުރައްވާފައެވެ. އެންމެ ފަހުން އޭނާ ހުންނެވީ ޕެންޝަން ބޯޑުގެ މެންބަރެއްގެ މަގާމުގައެވެ. ނަމަވެސް، މަރުކަޒީ ބޭންކު މެދުވެރިކޮށް ސަރުކާރުން ބޮންޑު ވިއްކަން އުޅުމުން، އެކަމާ ނުރުހުން ފާޅުކުރައްވައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީން އިގްތިސާދީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ސަރުވަޝް އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
