ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޫސްވެރިކަމުގެ ނަމުގައި ފިތުނަ އުފައްދަން ފުރުސަތު ދީގެން ނުވާނެ: ޚަލީލް

ނޫސްވެރިކަމުގެ ނަމުގައި ފިތުނަ އުފައްދަން ފުރުސަތު ދީގެން ނުވާނެ: ޚަލީލް

މިނިވަން ނޫސްވެރިކަމުގެ ނަމުގައި ބައެއް ފަރާތްތަކުން މުޖުތަމަޢުގެ ތެރޭގައި ފިތުނައާއި ނަފްރަތު އުފެއްދުމަށް ކުރާ މަސައްކަތްތައް ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާގައި ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

ޚަލީލް ފާހަގަކުރެއްވި ގޮތުގައި، މިނިވަން ނޫސްވެރިކަމުގެ ނަމުގައި ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުންދާ ކަމަށާއި އެފަދަ ކަންކަން ބެލެންވާނެ ކަމަށެވެ. އަދި މިފަދަ މަދު "ނޫސްވެރިން"ގެ ސަބަބުން މުޖުތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލި، އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ޕްރޮފެޝަނަށް ހުތުރު ނަމާއި ބަސްތައް އަމާޒުވަމުންދާކަން ޚަލީލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔާނުދާ ކަންކަން ނޫސްވެރިކަމުގައި ދިމާވަނީ، ރާއްޖޭގައި ނޫސްވެރިއަކަށް ވުމަށް އެއްވެސް މިންގަނޑެއް، ޝަރުތެއް ނުވަތަ ފުރިހަމަ ކުރަންޖެހޭ ތަމްރީނެއް ވެސް ކަނޑައެޅިފައި ނެތުމުން ކަމަށެވެ.

"ގައުމެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ބުނެއުޅޭއިރު، އެބާރުގެ 'ވަޒީފާ'ގައި ތިބެންވާނީ ވެސް އެކަށީގެންވާ ތަމްރީނުލިބިފައިވާ، ކަނޑައެޅޭ ޝަރުތު ތަކެއް ފުރިހަމަވާ ހުނަރުވެރިން،" ޚަލީލް ވިދާޅުވިއެވެ.

ޚަލީލްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމަކީ ގައުމުގެ އިޖްތިމާއީ ފޭރާމުގެ ވަރަށް މުހިންމު ގުނަވަނެއް ކަމަށެވެ. އެހެންކަމުން، ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ވަކި މިންގަނޑުތަކެއް ކަނޑައެޅުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.