ރައީސާ ދެކޮޅަށް ދޮގު ފެތުރުމަކީ ޖިނާއީ ކުށެއް، ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް އެބައޮތް: އިޙްސާން
ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވައި ފިތުނަ އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ އޮފީސް ފުލުހުން ބަލައި ފާސްކުރަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެން ހަގީގަތާ ޚިލާފު ވާހަކަ ފެތުރި މީޑިއާއެއްގެ ހެޑް އޮފީސް ރެއިޑްކޮށް، އެކަން ޖިނާއީ ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ ފުލުހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާ ހަވާލާދެއްވައި ވަޒީރު ވިދާޅުވީ، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ނަމަވެސް، އެއީ އެއްވެސް އިންތިހާއެއް ނެތް ކަންކަމެއް ނޫން ކަމަށެވެ. ވަކިން ޚާއްޞަކޮށް، މީހެއްގެ އަބުރާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ދޮގު މައުލޫމާތު ފެތުރުމަކީ އެ މިނިވަންކަމުގެ އިމުން ބޭރު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެއްވެސް އަސާސެއް ނެތި މިފަދަ ބޮޑު ތުހުމަތެއް ކުރުމަކީ ނޫސްވެރިކަމެއް ނޫން. އެއީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި، އާއިލާއަށާއި، ދައުލަތުގެ އެންމެ މަތީ މަގާމަށް ދެވޭ ސީދާ ހަމަލާއެއް،" އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފުލުހުންގެ މި އަމަލަކީ ނޫސްވެރިކަމަށް ހުރަސް އެޅުމެއް ނޫން ކަމަށާއި، އެއީ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ހައްގު ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ޒިންމާދާރު ނޫސްވެރިކަމެއް ދެމިއޮންނާނީ ޖަވާބުދާރީވުމުގެ ސިފަވެސް އެއާއެކު އޮވެގެން ކަމަށާއި، އެއްވެސް ފަރާތަކަށް ގާނޫނަށްވުރެ މަތީގައި ނުހުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައީސް މުއިއްޒު ވެސް ވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، އެކަން ކުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.
Ads by MACL
