ނޫސްވެރިކަމުގެ މިނިވަންކަމާއެކު އިޙްތިރާމް ދޭންވެސް އަދި ހޯދަންވެސް ދަސްކުރަންޖެހޭ: ވަޒީރު ސަޢީދު
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި އޮތް ނަމަވެސް، އެ މިނިވަންކަން ބޭނުންކުރަންވާނީ އަނެކާގެ އިޙްތިރާމާއި އަބުރަށް އުނިކަން ނުލިބޭނެ ފަދަ ޒިންމާދާރު ގޮތެއްގައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މިނިވަންކަމަކީ ހަމައެކަނި ބޭނުން އެއްޗެއް ލިޔުމެއް ނޫނެވެ؛ އެއީ އިޙްތިރާމް ހޯދުމާއި ދިނުންވެސް އެކުލެވިގެންވާ ކަމެކެވެ.
ނޫސްވެރިކަމުގެ މިންގަނޑުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ނޫސްވެރިންނަށް ބޭނުންވާ މަޢުލޫމާތެއް ހޯދައި، ބޭނުންވާ ވާހަކައެއް ލިޔުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. ނަމަވެސް، އެކަން ކުރަންވާނީ ޒިންމާދާރުކަމާއެކު ކަމަށާއި، ޚަބަރު ފަތުރާ ފަރާތުގެ ޙައްޤުތައް އޮންނަ ފަދައިން، އެ ޚަބަރެއް ރައްދުވާ ފަރާތުގެ އިންސާނީ ކަރާމާތާއި ޙައްޤުތަކަށްވެސް އިޙްތިރާމް ކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވަނީ ބައެއް ނޫސްތަކުން ވަކިވަކި ފަރާތްތަކުގެ ނަން ނޭނގޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ކުރާ ތުހުމަތުތަކާއި ފަތުރާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. "އަޅުގަނޑު ޤަބޫލެއް ނުކުރަން އެމިންގަނޑަށް ރާއްޖޭގެ ނޫސްވެރިން ވެއްޓެން ޖެހޭނެ ކަމަކަށް،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ދެމިތިބެންޖެހޭނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފިލާތިބެ މީހުންގެ އަބުރު ކަތިލުމަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އާއިލާތަކަށް މަގުމައްޗަށް ނުކުމެ އުޅެން ދަތިވާ މިންވަރަށް ކަންކަން ކުރުމަކީ މިނިވަންކަން ކަމަށް ދެކޭނަމަ، މުޖުތަމަޢުގެ ހާލަތާ މެދު ސުވާލު އުފެދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމަކީ ޤައުމެއްގެ ތަރައްޤީގެ މުހިންމު ބައެއްކަން ފާހަގަކުރައްވަމުންނެވެ. އެގޮތުން އިޤްތިޞާދީ، އިޖްތިމާޢީ ނުވަތަ އުމްރާނީ މައްސަލައެއް އޮތް ނަމަވެސް އެކަމަކަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމުގެ ޖާގަ ރާއްޖޭގައި އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ބައެއް އެއްވުންތަކުގައިވެސް އަޚްލާޤީ މިންގަނޑުތަކުން ބޭރުވަމުންދާ ދިއުން ވަޒީރު ވަނީ ކުށްވެރިކުރައްވާފައެވެ.
Ads by MACL
