ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގަޒްފުކުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން، އެކަމަށް ޖާގަދީގެން ނުވާނެ: ޝެއިޚް ޒައިދު

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ----
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ----

އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ގަޒްފު" ކުރުމަކީ މިނިވަން ނޫސްވެރިކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމަށް މުޖުތަމައުގައި ޖާގަދީގެން ނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވީ، "އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ނެރުނު "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް ޒައިދު ވިދާޅުވީ، މީހުންގެ އަބުރާ ބެހި ގަޒްފުކުރުމަކީ "ނޯމަލައިޒް" ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެކަމަކަށްޓަކައި އިސްލާމީ ޝަރީއަތުގައި ހައްދެއް ކަނޑައެޅިގެންވާ ކަމެއްކަން ފާހަގަކުރައްވައި، ނޫސްވެރިކަމުގެ ނަމުގައި އެފަދަ އަމަލުތައް ހިންގުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވަރަށް އިހްތިރާމާއެކު ދަންނަވާ ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

މިދިޔަ މާޗް މަހު "އަދަދު" ނޫހުން އާންމުކުރި އެ ވީޑިއޯއާ ގުޅިގެން ފުލުހުން ރޭ ވަނީ އެ ނޫހުގެ އޮފީހަށް ވަދެ، ބައެއް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޑޮކިއުމަންޓްރީގައި ކުރި ތުހުމަތުތަކާ ބެހޭގޮތުން ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރި ހުރިހާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި ދައުވާ ކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކުގައި ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ފުލުހުންގެ އިތުރުން މީޑިއާ ކައުންސިލުން ވެސް އަންނަނީ މި ޑޮކިއުމަންޓްރީއާ ގުޅޭ މައްސަލަ ބަލަމުންނެވެ. "އަދަދު" ނޫހުން ބުނެފައިވަނީ ފުލުހުންގެ މި ހަރަކާތުގައި އޮފީހުގައި ހުރި ގިނަ އަދަދެއްގެ އާލާތްތަކެއް ގެންގޮސްފައިވާ ކަމަށެވެ.