އަބުރު ކަތިލުމަށް ކުރާ މަސައްކަތް ނުހުއްޓުވައިފި ނަމަ، މާދަމާ މީގެ ޝިކާރައަކަށް ކޮންމެ ރައްޔިތަކު ވެސް ވެދާނެ: ވަޒީރު ޝިޔާމް
އަބުރު ކަތިލުމަށް ކުރާ މަސައްކަތް ނުހުއްޓުވައިފި ނަމަ، މާދަމާ މީގެ ޝިކާރައަކަށް ކޮންމެ ރައްޔިތަކު ވެސް ވެދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމާ އެކުއެކީގައި، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޒާތީ ދިރިއުޅުމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ވެސް ހަމަހަމަކަމާ އެކު ދަމަހައްޓަންޖެހޭ ކަމަށެވެ. މި ހައްގުތަކުން ގައުމުގެ ވަލިއްޔުލްއަމުރު އިސްތިސްނާ ނުވާނެކަން ފާހަގަކުރައްވައި، ޝިޔާމް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި އަބުރު ރައްކާތެރިކުރުމަކީ މަތިވެރި މަގްސަދެއް ކަމަށާއި، ހާއްސަކޮށް ދައުލަތުގެ ވެރިޔާގެ އަބުރު ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ
ޝިޔާމް ވިދާޅުވި ގޮތުގައި ޒިނޭގެ ތުހުމަތަކީ އިސްލާމީ ޝަރީއަތުގައި އެކަން ސާބިތުކުރުމަށް ވަކި ހާއްސަ މިންގަނޑުތަކެއް ކަނޑައަޅައި، ހައްދު ކަނޑައެޅިފައިވާ ކުށަކަށްވާއިރު، އެފަދަ ފާހިޝް ކަންކަމަށް ހިތްވަރުދީ ދޮގު ހަބަރު ފެތުރުމުގެ ބަދަލުގައި ދިވެހި ނޫސްވެރިން ވާންޖެހޭނީ މާ ތަހުޒީބު އަދި ޒިންމާދާރު ބަޔަކަށެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލުމަށް ކުރާ މަސައްކަތް ނުހުއްޓުވައިފި ނަމަ، މާދަމާ މީގެ ޝިކާރައަކަށް ކޮންމެ ރައްޔިތަކު ވެސް ވެދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
Ads by BMLރައީސް މުއިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާނެ ސަރުކާރެއް ނޫން ކަމަށާއި، ރައީސަކީ ނޫސްވެރިންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއްކަން ޝިޔާމް ފާހަގަކުރެއްވި އެވެ. ނަމަވެސް ނޫސްވެރިކަމަކީ ސާބިތު ހިފޭ ހެކިތަކުގެ މައްޗަށް ތެދު މައުލޫމާތު ގެނެސްދޭ މަސައްކަތަކަށް ވާންޖެހޭނެ ކަމަށާއި، އަނެކާގެ ހައްގުތަކާއި މިނިވަންކަން ނަގާލާ ހިސާބުން ނޫސްވެރިކަމުގެ މިނިވަންކަން ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވަނީ ޒިންމާދާރު ނޫސްވެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މި ސަރުކާރުން ތަރުހީބު ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 'އަދަދު' ނޫސް އޮފީހަށް ވަދެ، ތަހުގީގަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފަ އެވެ. ރައީސް މުއިއްޒު ވެސް ވަނީ އެ ޑޮކިއުމަންޓްރީގައި ހުރި ތުހުމަތުތައް ދޮގުކުރައްވައި، އަބުރު ކަތިލުމުގެ މަގްސަދުގައި ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފަ އެވެ.
Ads by MACL
