ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފިތުނަވެރި ވާހަކަތަކުން މީހުންގެ އަބުރު ކަތިލުމަކީ މުޅި މުޖުތަމައުގެ ފޭރާން ހަލާކުވެގެންދާނެ ކަމެއް: މެމްބަރ ހަނާން

ތ ގުރައިދޫ ދާއިރާގެ މެމްބަރ ހަނާން މުހައްމަދު ރަޝީދު
ތ ގުރައިދޫ ދާއިރާގެ މެމްބަރ ހަނާން މުހައްމަދު ރަޝީދު

ފިތުނަވެރި ވާހަކަތަކުން މީހުންގެ އަބުރު ކަތިލުމަކީ މުޅި މުޖުތަމައުގެ ފޭރާން ހަލާކުވެގެންދާނެ ކަމެއްކަމުގައި ތ ގުރައިދޫ ދާއިރާގެ މެމްބަރ ހަނާން މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ހަނާން މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގުޅުވައި 'އަދަދު' ނޫހުން އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންގެ ފާޑުކިޔުން އެ ނޫހަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ހަނާން އިތުރަށް ވިދާޅުވީ ނޫސްވެރިކަމަކީ މުޖުތަމައުގެ ހޭލުންތެރިކަމާއި، ހަގީގަތް ހާމަކުރުމުގެ އެންމެ ވަރުގަދަ ބާރެވެ. ނަމަވެސް، "ނޫސްވެރިކަމުގެ މިނިވަންކަމުގެ" ނަމުގައި މީހުންގެ އަބުރު ކަތިލުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީންވެސް ކޮންމެ ފަރުދަކަށްމެ އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިދީފައި ވާއިރު، މީހެއްގެ އަބުރަކީ އެމީހެއްގެ އިންސާނީ ކަރާމާތާ ގުޅިފައިވާ އެންމެ އަގުބޮޑު ރައުސްމާލު ކަމުގައެވެ. މީގެ އިތުރުން ދޮގު މައުލޫމާތާއި، ފިތުނަވެރި ވާހަކަތަކުން މީހުންގެ އަބުރު ކަތިލުމަކީ މުޅި މުޖުތަމައުގެ ފޭރާން ހަލާކުވެގެންދާނެ ކަމެެއް ކަމަށް ހަނާން ވިދާޅުވިއެވެ.

އޮންލައިން ނޫސް އަދަދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާމެދު ޤަޛުފުކުރި މީހަކު ދެއްކި ވާހަކަތަކެއް ގެނެސްދިން ވީޑިޔޯއަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ޖިނާއީ ތަހުގީގެއް ފެށުމާއެކު މިހާރު މީސްމީޑިއާގައި ބޮޑު ބަހުސެއް އަންނަަނީ ހިނގަމުންނެވެ.