ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އަލީ އަޒްވަރު އައްޔަން ކުރައްވައިފި

އަލީ އަޒްވަރު
އަލީ އަޒްވަރު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ހިތަދޫ / ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު، އައްޔަނުކުރައްވައިފިއެވެ.

އަލީ އަޒްވަރު މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މިއަދުއެވެ.

ޑރ. ޢަލީ އަޒްވަރަކީ ހަކަތައިގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަދި ހަކަތައިގެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ތަޖުރިބާކާރު ބޭފުޅެކެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ވިހި އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. އަޒްވަރު މިހާރު ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައެވެ. ސްޓެރެޓެޖިކް ލީޑަރޝިޕް، އޮޕަރޭޝަންސް، ފައިނޭންސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ ދާއިރާއިން އޭނާ ހާސިލުކުރައްވާފައިވާ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ މައިގަނޑު ކަރަންޓު ޚިދުމަތްދޭ ކުންފުނީގެ މިސްރާބު ކަނޑައެޅުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ުންފުނީގެ އިސް ހިންގުންތެރިއެއްގެ ޒިންމާގެ އިތުރުން، ޑރ. އަޒްވަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައެވެ.

މީގެ އިތުރުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ ނޮން-އެގްޒެކެޓިވް ޑައިރެކްޓަރުގެ މަޤާމު ފުރުއްވައި، އެ ކުންފުނީގެ ހިންގުމާއި އިސްތިރާތީޖީ މަސައްކަތްތަކުގައި ވެސް އޭނާ ލަފާދެއްވާފައިވެއެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޑރ. އަޒްވަރު ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަނުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވާފައެވެ.

އޭނާގެ ޕީއެޗްޑީ ދިރާސާ ބިނާކުރެއްވީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭގޮތުންނެވެ. އޭނާ ވަނީ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޫރުން މާސްޓަރ އިން ޕަބްލިކް ޕޮލިސީ ހާސިލުކުރައްވައި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން އޮނަރސްއާއެކު ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އޭނާގެ ތަޢުލީމީ އަދި މަސައްކަތުގެ ތަޖުރިބާ ބިނާވެފައިވަނީ ދެމެހެއްޓެނިވި ހަކަތަ ކުރިއެރުވުމާއި، ޖަޒީރާ ޤައުމުތަކަށް އެކަށޭނަ ސިޔާސަތުތަކުގެ އެހީގައި ދާއިރާ ހަރުދަނާކުރުމުގެ މައްޗަށެވެ.

ރަސްމީ މަޤާމުތަކުގެ އިތުރުން، ޑރ. އަޒްވަރު ވަނީ އޭޝިއާ، މެދުއިރުމަތި، އަދި އެމެރިކާގައި ބޭއްވުނު އިއާދަކުރަނިވި ހަކަތަ، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުން، އަދި މުއާސަލާތީ އުކުޅުތަކާ ގުޅޭ ބައިނަލްއަޤްވާމީ ސެމިނާރތަކާއި ވަރކްޝޮޕްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ބާއްވާ ބޯޑު މެންބަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފުރިހަމަކުރައްވައި، ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން ވެސް ތަޖުރިބާ ހާސިލުކުރައްވާފައިވެއެވެ.