ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ނައިބު ރައީސް ގޮވާލައްވައިފި
ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިއަދު ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އަޚުލާގީ މިންގަނޑުތަކަށް ބޯލަނބާ ނޫސްވެރިކަމަކީ ފެންވަރު ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމާއި، ޒިންމާދާރުކުރުވުމާއި، އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ހާމަކުރުމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ އަޚުލާގީ ހަމަތައް ދޫކޮށްލުމަކީ ދޮގު މައުލޫމާތު ފެތުރުމަށް މަގުފަހިވާ ކަމެއް ކަމަށާއި، އޭގެ ސަބަބުން މުޖުތަމައަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރު ނައިބު ރައީސް ދެއްވިއެވެ. ވަކިން ޚާއްޞަކޮށް، ސައްހަ މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ބަރޯސާވާ އާންމުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދުމަށް އެފަދަ ކަންކަމުގެ ސަބަބުން މެދުވެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްގެ ޕޯސްޓް ނިންމަވާލެއްވީ، މައުލޫމާތު ފެތުރުމުގައި ހުރިހާ ނޫސްވެރިންވެސް މިހާރަށްވުރެ ޒިންމާދާރުވުމަށާއި، ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކުގައި ސާބިތުވެ ތިބުމަށް އިލްތިމާސް ކުރައްވަމުންނެވެ.
Ads by MACL
