ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

76ވަނަ ފީފާ އަދި އޭއެފްސީ ކޮންގްރެސް އަށް ޓޮމް އަދި ކައްޕި ކެނެޑާއަށް!

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި ސީނިއާ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހީމް (ކައްޕި).
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި ސީނިއާ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހީމް (ކައްޕި).

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބާއްވާ 76 ވަނަ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި ސީނިއާ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހީމް (ކައްޕި) ކެނެޑާއަށް ފުރާވަޑައިގެންފިއެވެ. މި ދެ ބޭފުޅުން ކެނެޑާއަށް ފުރާވަޑައިގަތީ އަންގާރަ ދުވަހުއެވެ.

މި ދަތުރުފުޅަކީ ބައިނަލްއަގުވާމީ ފުޓްބޯޅަ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމާއި، ދުނިޔޭގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތައް ނިންމާ މި ކޮންގްރެސްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

76 ވަނަ ފީފާ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 އެޕްރީލް 2026 ގައި ކެނެޑާގެ ވެންކޫވަރުގައެވެ. މި ކޮންގްރެސްގައި ފީފާގެ މެންބަރު 211 އެސޯސިއޭޝަނުން މަންދޫބުން ބައިވެރިވާނެއެވެ.

މި އަހަރުގެ ކޮންގްރެސްގެ މުހިންމުކަން ބޮޑުވެފައިވަނީ، 48 ޓީމާއެކު އަލަށް ބާއްވާ ވޯލްޑް ކަޕަށް ދެ މަހަށްވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، މުބާރާތާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ތާރީޚުގައި ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕް ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ.

މި މުބާރާތާ ގުޅޭގޮތުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޚަރަދެވެ. އުތުރު އެމެރިކާގެ ބޮޑު ސަރަހައްދެއްގައި މުބާރާތް ބޭއްވުމާއި، ދިގު ދަތުރުތަކާއި، ތަފާތު ޓެކްސް ނިޒާމުތަކުގެ ސަބަބުން ބައެއް ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

ޔޫއެފާއިން ވެސް ވަނީ މުބާރާތުގެ ފަހު މަރުހަލާތަކާ ހަމައަށް ދަތުރު ނުކުރެވިއްޖެނަމަ، ޓީމުތަކަށް ކުރާ ޚަރަދާ އެއްވަރުގެ އާމްދަނީއެއް ނުލިބިދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ފީފާއިން ބުނާ ގޮތުގައި މި މުބާރާތުން މީގެ ކުރިން ނުލިބޭ ފަދަ ބޮޑު ވިޔަފާރީގެ ފައިދާއެއް ލިބޭނެއެވެ. ފީފާއިން އިޝާރާތްކޮށްފައިވާ ގޮތުގައި، އިނާމު ފައިސާ އާއި ބައިވެރިވާ ޓީމުތަކަށް ދޭ ފައިސާ ރެކޯޑް މިންވަރަކަށް އިތުރުކުރުމަށް އެ އިދާރާ އޮތީ ތައްޔާރަށެވެ. އަދި މި މުބާރާތުގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމުގެ ޕްރޮގްރާމްތަކަށް ލިބޭ ފައިސާ އިތުރުވެގެންދާނެ ކަމަށް ފީފާއިން ދެކެއެވެ.