ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސަށް އަމާޒުކުރި ޑޮކިއުމަންޓްރީގެ މައްސަލައިގައި އީޝާގެ ވަކީލަކަށް ޝަމީމް ހަމަޖައްސައިފި

ޕީޖީ ޝަމީމާއި އީޝާ: --
ޕީޖީ ޝަމީމާއި އީޝާ: --

ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް، ހަގީގަތާ ހިލާފު ދަށުދަރަޖައިގެ ވާހަކަތަކެއް ހިމަނައިގެން އާންމުކުރި ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި، މި މައްސަލައިގައި ތުހުމަތު ކުރެވޭ ކުރީގެ ސިޔާސީ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފްގެ ގާނޫނީ ވަކީލަކަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހަމަޖައްސަވައިފިއެވެ.

މި މައްސަލައިގެ ތަހުގީގު ފުޅާކޮށް، ހެކި ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އީޝާ އަޝްރަފްގެ އިތުރުން 'އަދަދު' ނޫހުގެ އިސް ދެ ވެރިންގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން 'އަދަދު' ނޫސް ހިންގާ އޮފީހަށް ފުލުހުން ވަދެ، އެތަން ބަލައިފާސްކުރުމަށްފަހު ތަހުގީގަށް ބޭނުންވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މިކަމުގައި ޝާމިލުވާ ފަރާތްތަކަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ބަސްބުނަމުންދާ ގޮތުގައި، ނޫސްވެރިކަމުގެ ނަމުގައި މިފަދަ ސާބިތު ނުހިފޭ، އަސާސެއް ނެތް އިލްޒާމްތަކެއް ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް އަމާޒުކޮށް އެޅުވުމަކީ އެއްވެސް ހާލެއްގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

އަދި މިއީ ސިޔާސީ މަގުސަދެއްގައި ފިތުނަ އުފެއްދުމަށް ހިންގާފައިވާ ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މިފަދަ ދަށުދަރަޖައިގެ ކަންކަން ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.