ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޫސްވެރިކަމަކީ ބޮޑު އަމާނާތެއް، އެއީ މުޖުތަމައު ވަރުގަދަކޮށްދޭ މައިގަނޑު އަސާސް: މިނިސްޓަރު އަމީން

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން  -- ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމަކީ މުޖުތަމައު ވަރުގަދަކޮށްދޭ މައިގަނޑު އެއް އަސާސްކަމަށާއި، އެއީ ވަރަށް ބޮޑު އަމާނާތަކާއި ޒިންމާއެއް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ނޫސްވެރިކަމުގެ ދާއިރާއަކީ މުޖުތަމައުގެ ބިންގާ ހަރުދަނާކޮށްދޭ މައިގަނޑު އެއް ތަނބު ކަމަށެވެ. އަދި ނޫސްވެރިކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުޖުތަމައުގެ ލާބަޔާއި މަންފާއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ނޫސްވެރިކަމުގެ ނަމުގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމާއި، ވަކިވަކި ފަރުދުންގެ އިއްޒަތާއި ގަދަރަށް އަރައިގަތުމަށް މި ދާއިރާ ބޭނުންކުރާނަމަ، އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް އިންތިހާއަށް ކުރާނެ ކަމަށް މިނިސްޓަރު އިންޒާރު ދެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ދޮގު މައުލޫމާތު ފެތުރުމަކީ މުޖުތަމައުގެ ބަދަހިކަން ގެއްލިގެންދާނެ ކަމެކެވެ.

އަމީންގެ ޕޯސްޓް ނިންމަވާލައްވަމުން ވަނީ، ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ. އަދި ޒިންމާދާރު ނޫސްވެރިކަމެއް ދެމެހެއްޓުމަކީ ގައުމުގެ ކުރިއެރުމަށް އޮތް އެންމެ މުހިންމު އެއް މަގުކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.