ގުގުރާ ވިދުމާއެކު ހުޅުމާލޭގެ އިމާރާތަކަށް ހޮނުއަޅައި، ބޮޑެތި ގެއްލުންތަކެއް
މާލޭ ސަރަހައްދަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި އިމާރާތަކަށް ހޮނުއަޅައި، އެ އިމާރާތުގެ ބައެއް ބައިތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބާރަށް ގުގުރައި ވިދަމުން ދިޔަ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮނު އަޅާފައިވަނީ ހުޅުމާލޭ ސަހަރާ ކައިރީގައި ހުރި އިމާރާތަކަށެވެ. މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގެ ބައެއް ބައިތަކަށް ގެއްލުންވެ، ކޮންކްރީޓް އެތިކޮޅުތަކެއް ވަނީ ބުރައިގެން ގޮސް ތިރިއަށް ވެއްޓިފައެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ހޮނު އެޅި ވަގުތު އިމާރާތުގެ ބައިތައް ވެއްޓިގެން ދިޔަ މަންޒަރު ފެނުމުން ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. ނަމަވެސް، ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ރޭ ކުރި ވިއްސާރައާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހުޅުމާލެއަށް ރޭ ވަނީ ވަރަށް ގިނައިން ހޮނު އަޅައިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، ކާފު އަތޮޅުން ފެށިގެން ލާމު އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ރޭ މެންދަމުން ފެށިގެން ފަތިހު 05:00 އާ ހަމައަށެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ގަޑިތަކުގައި ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އެހެންކަމުން، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
