ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޖިލިސް ގޮނޑި ގެއްލޭ މައްސަލަ ބެލޭނެ: ސްޕްރީމް ކޯޓު

މަޖިލިސް ގޮނޑި ގެއްލޭ މައްސަލަ ބެލޭނެ: ސްޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލެނޭ ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެކެވެ. އެ މައްސަލާގައި ދައުލަތުންވަނީ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެ މައްސަލަ ބެލުމުގެ އިހުތިސާސު ސުޕްރީމް ކޯޓަށް ލިބިފައިނުވާކަމަށް ބުނެފައެވެ.


މިއަދު އޮތް އެ މައްސަލައިގެ ގޮތެއް ނިންމުމުގެ މައްސަލައިގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީއާއި ފަނޑިޔާރުންގެ ގާނޫނަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލަތަކުގެ ތެރޭގައި ގާނޫނީ ހުސްކަމަކަށް ރާއްޖެ ހިނގައިދާނެ ފަދަ ކަންކަމާއި، އާއްމު މަސްލަހަތާ ގުޅުންހުެރި ދުސްތޫރީ މައްސަލަތައް ހިމެނޭ ކަމަށެވެ.


ސުޕްރީމް ކޯޓަށް ހުށަހެޅޭ ދުސްތޫރީ މައްސަލައެއް އެއީ އެފަދަ މައްސަލައެއްކަން ކަނޑައެޅުމުގައި ބޭނުންކުރަންޖެހޭ މިންގަނޑުތަކަށް ބަލާއިރު މި މައްސަލައަކީ އެ އުސޫލުތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލަތަކުގެ ތެރެއަށް ފެތޭނެ މައްސަލައެއްކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.


ދައުލަތުން ބުނެފައިވަނީ ގާނޫނުއަސާސީއަށް ގެންނަަ އިސްލާހެއްގެ ސައްހަކަން ބެލުމުގައި ސުޕްރީމް ކޯޓަށް ބެލޭނީ އިޖުރާއީ ގޮތުން ސައްހަކަން ނުވަތަ ނޫންކަން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއްގެ މައުޟޫއީ ސައްހަކަން ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.


އެނުކުތާއާ ގުޅިގެން އުއްތަމަފަނޑިޔާރު ވިދާޅުވީ ޤާނޫނުއަސާސީއަަށް ގެންނަަ އިސްލާހެއްގެ މައުޟޫޢީ ޞައްޙަކަމާމެދު ސުވާލު އުފެދޭ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެކަމުގައި ބުނާ ދުސްތޫރީ އަދި ޤާނޫނީ ނައްޞެއް ނެތް ކަމަަށެވެ. ޤާނޫނީއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް މާނަކުރުމުގެ މައްސަލައަކީ ހަމައެކަނި އިޖުރާއީ ޞައްޙަކަން ކަށަވަރުކުރުމުގެ މައްސަލައަކަށްނުވާނެކަން އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.


އެނުކުތާތަކުގެ މައްޗަށް ބިނާކުރައްވައި އުއްތަމަފަނޑިޔާރު ނިންމަވާފައިވަނީ ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ޤާނޫނުއަސާަސީއަަށް ގެނައި އިސްލާހުގެ މައްސަލަ ބެލުމުގެ އިހުތިސާސު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.