ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީ ޕްރައިމަރީ ތަފާތުބޮޑުކޮށް ކާމިޔާބު ކުރި ސިނާ ބައި އިލެކްޝަންގައި ވާދަ ނުކުރުމަށް ނިންމައިފި!

ޕީއެންސީ ޕްރައިމަރީ ތަފާތުބޮޑުކޮށް ކާމިޔާބު ކުރި ސިނާ ބައި އިލެކްޝަންގައި ވާދަ ނުކުރުމަށް ނިންމައިފި!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕީއެންސީ ޕްރައިމަރީ ތަފާތުބޮޑުކޮށް ކާމިޔާބު ކުރި ސިނާ ބައި އިލެކްޝަންގައި ވާދަ ނުކުރުމަށް ނިންމައިފިއެވެ.

ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި ޓިކެޓް ކަށަވަރު ކުރައްވާފައި ވަނިކޮށް ސިނާން މިގޮތަށް ނިންމެވީ، ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށްފަހު ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިނާން އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކުން، މިފަހަރުގެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވުން އެންމެ ގާތީ އޭނާ ފަހަތަށް ޖެހިވަޑައިގަތުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން، އައު ބޭފުޅަކަށް ފުރުޞަތު ދެއްވުމަށް އޭނާ މިވަނީ ނިންމަވާފައެވެ.

މި ނިންމުމާ ގުޅޭގޮތުން ސިނާން އިތުރަށް ވިދާޅުވީ، ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް މިކަން މިހާރު އަންގާފައިވާ ކަމަށާއި، ޕާޓީން އެ ނިންމުމަށް އިޙްތިރާމާއެކު ބަލައިގަނެފައިވާ ކަމަށެވެ. އަދި އިންތިޚާބުގައި އޭނާ ވާދަނުކުރެއްވި ނަމަވެސް، ޕީއެންސީން ދެން ނުކުންނަ ކެނޑިޑޭޓަކު ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި އޭނާގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވާފައެވެ.

"އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ހުރިހާ ރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދެއްވުމެވެ،" ސިނާންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕާޓީގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކުރި މެންބަރުންނަށް ޝުކުރު އަދާކުރައްވަމުން ސިނާން ވިދާޅުވީ، ޕާޓީން ކެނޑިޑޭޓަކު ދެއްކިހާ އަވަހަކަށް އެ ބޭފުޅަކާއެކު ދާއިރާގެ ރައްޔިތުންގެ ގާތަށް ކެމްޕޭނަށް ނުކުންނަވާނެ ކަމަށެވެ. މީގެ އިތުރުން ޕްރައިމަރީގެ ކާމިޔާބީއަށްފަހު ޕާޓީގެ ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށްޓަކައިވެސް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.