ހެޔޮ ވެރިކަމުގެ ސުލްހައިގެ އެވޯޑް ރައީސް ޑރ ވަހީދަށް!
ބައިނަލްއަޤްވާމީ ފެންވަރުގައި ދެވޭ "ގްލޯބަލް ގުޑް ގަވަނަންސް" (3ޖީ) ސުލްހައިގެ އެވޯޑް، (ހެޔޮ ވެރިކަމުގެ ސުލްހައިގެ އެވޯޑް) ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ލިބިވަޑައިގެންފިއެވެ.
މި އެވޯޑަކީ އިޖުތިމާޢީ ދުޅަހެޔޮކަމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ދެފުށް ފެންނަ ހެޔޮވެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް "ކޭމްބްރިޖް އައިއެފްއޭ" އިން ދޭ ޝަރަފުވެރި އެވޯޑެކެވެ. ކޭމްބްރިޖް އައިއެފްއޭ އަކީ މާލީ ދާއިރާގެ ދިރާސާތަކާއި އިސްތިރާތީޖީ ލަފާ ފޯރުކޮށްދިނުމުގައި، ޚާއްސަކޮށް އިސްލާމީ ބޭންކިންގް ދާއިރާގައި މަޝްހޫރު އިދާރާއެކެވެ.
ސިންގަޕޫރުގެ ފޯސީޒަންސް ހޮޓަލުގައި އިއްޔެ ބޭއްވި މި ޚާއްސަ ޙަފްލާގައި ރައީސް ވަޙީދުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހެޔޮވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެކި ފަރާތްތަކަށް ވަނީ އެވޯޑުތައް ހަވާލުކޮށްފައެވެ.
މި އެވޯޑު ހާސިލްކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަޙީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމެއްގައި އެންމެ އިސްކަންދޭންޖެހޭނީ ރައްޔިތުންގެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ. އަދި ސަރުކާރު ހިންގުމުގެ ބާރުތަކަކީ އާންމުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބޮޑު ޒިންމާއެއް އެކުލެވޭ ބާރުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަޙީދު އިތުރަށް ވިދާޅުވީ، ވެރިކަމަށް އައުމަށް ގިނަ ވަޢުދުތަކެއް ވެވަޑައިގަންނަވާ ނަމަވެސް އެކަންކަން ފުރިހަމައަށް ފުއްދަވަނީ މަދު ބޭފުޅަކަށް ވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ވަޢުދުތައް ނުފުއްދޭ ހާލަތްތަކުގައި ޖަވާބުދާރީ ކުރެވެނީވެސް ވަރަށް މަދު ބަޔަކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހެޔޮވެރިކަމަކީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ، ދެފުށް ފެންނަ ގޮތަކަށް ބާރުގެ ބޭނުން ހިފުން ކަމަށާއި، މިފަދަ ވެރިކަމެއް ކުރެވޭނީ އިޚްލާޞްތެރި ވެރިން ތިއްބެވުމުން ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ. ކޮރަޕްޝަނުން އެއްކިބާވެ، މަދު މުއްސަނދި ބައެއްގެ ނުފޫޒުން ނިކަމެތިންގެ ހައްގުތައް ނިގުޅައިނުގަނެ، ގާނޫނީ ސިޔާދަތު ނެގެހެއްޓުމަކީ ރައްޔިތުންގެ އުންމީދު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި ރައީސް ވަޙީދު ވަނީ ބައިނަލްއަޤްވާމީ ހެޔޮވެރިކަމުގެ އަހަރީ ރިޕޯޓުގެ 5 ވަނަ ޢަދަދުވެސް ނެރެދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހެޔޮވެރިކަމުގެ މަފްހޫމަކީ ހަމައެކަނި ގައުމެއްގެ އެތެރޭގައި އޮންނަންޖެހޭ ކަމެއް ނޫން ކަމަށާއި، ބައިނަލްއަގުވާމީ ނިޒާމުގެ ތެރޭގައިވެސް އެ ހަމަހަމަކަން އޮންނަންޖެހޭނެ ކަމަށެވެ.
ނަމަވެސް ބާރުގަދަ މަދު ގައުމުތަކުގެ ނުފޫޒުން އދ. ގެ ނިޒާމު ބަލިކަށިވެފައިވާ ކަމަށާއި، އޭގެ ސަބަބުން ބައެއް ގައުމުތަކުގެ ބިންތައް އިސްތިއުމާރުކުރުމަށް ފުރުސަތު ލިބިގެންދާކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ފަލަސްތީނާއި، ސޫދާން، ޔަމަން، ލުބުނާން އަދި ކޮންގޯގެ ރައްޔިތުން އުފުލަމުންދާ ބަޔާންކުރަންދަތި ތަކުލީފުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޣައްޒާއާއި ދެކުނު ލުބުނާނުން އެކަނިވެސް ތިން މިލިއަނަށްވުރެ ގިނަ މީހުން ގެދޮރުން ނެރެލާފައިވާކަން ފާހަގަކުރައްވައި، ރައީސް ވަޙީދު ވިދާޅުވީ މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ހިންގުމުގެ ނިޒާމެއް މިހާރުގެ ދުނިޔޭގައި ނެތް ކަމަށެވެ.
މައުލޫމާތު ފެތުރުމުގެ ނިޒާމަށް ބަލާއިރުވެސް، އިންޓަނެޓާއި މީޑިއާގެ ކޮންޓްރޯލް މަދު ބައެއްގެ އަތްމަތީގައި އޮތުމުގެ ސަބަބުން ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްސަކޮށް ޣައްޒާގެ ގަތުލުއާންމުގެ ޚަބަރުތަކާއި އީރާނާ ދެކޮޅަށް ކުރެވޭ މީޑިއާ ހަނގުރާމައިން މިކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް ރައީސް ވަޙީދު ފާހަގަކުރެއްވިއެވެ.
ރައީސް ވަޙީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއީ ހެޔޮވެރިކަމުގެ އަސާސްތައް ކުރިއަށް ނެރެ، ދުނިޔޭގެ ސުލްހައާއި އަމަންއަމާންކަމަށްޓަކައި ހަމަބުއްދި އިސްކޮށް މަސައްކަތްކުރަންވީ އެންމެ މުހިންމު ވަގުތު ކަމަށް ވިދާޅުވަމުންނެވެ.
Ads by MACL
