މަސްވެރިން ކަންނެތްކޮށް، ދޯނިފަހަރަށް ބިދޭސީން އަރުވައި ސިނާއަތް ބިކަކޮށްލީ އެމްޑީޕީން: ޝުޖާއު
މަސްދޯނިފަހަރު ބިކަކޮށް، ދޯނިފަހަރަށް ބިދޭސީން އަރުވައި، މަސްވެރިން ކަންނެތްކުރުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، މަސްދޯނިފަހަރަށް ބިދޭސީން އެރުވުމުގެ ސަގާފަތް ތައާރަފުކުރީވެސް އެމްޑީޕީގެ ސަރުކާރުން ކަމަށާއި، ކަނޑުމައްޗަށް ފަރިތަ ހީވާގި މަސްވެރިންނަށް ފެނަކަ ފަދަ ސަރުކާރުގެ އެކި ކުންފުނިތަކުން ވަޒީފާދީ މަސްވެރިކަމާ ދުރުކޮށް، އެ މީހުން މަގުމައްޗަށް ނެރުނީވެސް އެ ޕާޓީން ކަމަށެވެ.
ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުއިރު، މަސްވެރި ސިނާއަތް ހަރުދަނާކޮށް ފެކްޓްރީތަކާއި އައިސް ޕްލާންޓްތައް އެޅުމަށް ސައުދީ ސަރުކާރުގެ އެހީގެ ގޮތުގައި 16 މިލިއަން ޑޮލަރު ހޯދައިދީފައިވާނެއެވެ. ނަމަވެސް، 2023 ވަނަ އަހަރު ވެރިކަން ދޫކޮށްފައި ދިޔައިރު އެ ފައިސާއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި މަސްވެރިކަމުގެ ދާއިރާއިން ކުރިހާވެސް ކަމަކީ "އަނގަތަޅައި ފޮޓޯ ނެގުން" ކަމަށް ސިފަކުރައްވައި ޝުޖާއު ވިދާޅުވީ، ސައުދީން ދިން ފައިސާ ރަނގަޅަށް ބޭނުންކުރިނަމަ ފެލިވަރުގެ މަސް ފެކްޓްރީ ބޮޑުކުރެވި، މަސް ބަންދުކުރެވޭ ނިސްބަތް އެތައް ގުނައަކަށް އިތުރުވެގެންދިޔައީސް ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީން މަސްވެރިކަމަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށާއި، ވައުދުވި ގޮތަށް ގޭދޮށު މަސްފެކްޓްރީތައް ނޭޅުމުގެ އިތުރުން މަސްވެރިންނަށް ބޭނުންވާ ތެޔޮ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއްވެސް އެ ސަރުކާރުން ހަމަޖައްސައިދީފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން ބައެއް ނިމާފައި އޮއްވާ ސިޓީއަކުން ވިއްކާލީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި، ގެއްލުނު އެ ސަރަހައްދު އަނބުރާ ހޯދަން ޖެހުނީ މިހާރުގެ ސަރުކާރަށް ކަމަށެވެ.
މިހާރު ގާނޫނަށް ގެންނަ އިސްލާހަކީ މަސްވެރިން މަސައްކަތް ކުރާ ސަރަހައްދަށް ވަގަށް ވަންނަ ފަރާތްތައް ހުއްޓުވުމަށް ގެނެވޭ މުހިންމު ބަދަލެއްކަން ފާހަގަކުރައްވައި، ޝުޖާއު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަން ހަރުދަނާ ގޮތެއްގައި ކުރިއަރުވައި، އިގްތިސޯދުގެ މައި ލޭނާރުގެ ގޮތުގައި މި ސިނާއަތް ދެމެހެއްޓުން ކަމަށެވެ.
Ads by MACL
