ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބާޒާރުގައި ތެޔޮ ލީޓަރެއް 31ރ ހުރިއިރު މަސްވެރިންނަށް، ސަބްސިޑީގައި 17 ރުފިޔާއަށް ދަނީ ތެޔޮ އަޅަމުން: މެމްބަރު އަސަދު

ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ---
ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ---

ދުނިޔޭގެ ބާޒާރުގައި ތެޔޮ ލީޓަރެއްގެ އަގު 31 ރުފިޔާއަށް އުފުލިފައިވީ ނަމަވެސް، މި ސަރުކާރުން މަސްވެރިންނަށް ދެމުންދާ ސަބްސިޑީގެ އެހީގައި މަސްދޯނިފަހަރަށް 17 ރުފިޔާއަށް ތެޔޮ ލިބެމުންދާކަން ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް މިއަދު ފާހަގަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވީ، މަސްވެރިންނަށް ދަތިނުވާނޭހެން ތެޔޮ ފޯރުކޮށްދިނުމަކީ މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށެވެ.

މަސްވެރިކަމާބެހޭ ގާނޫނަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އަސަދުﷲ ވަނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން މަސްވެރިންނަށް ދިނީ މަސް ކިރުވާފައި ހުސް ގަނޑުކޮޅެކެވެ. "މި ވާހަކަ ދައްކާއިރު ގެމަނަފުށީ މާކެޔޮޅު އަލިމަނިކު ކޫއްޑޫ އިން ސަބްސިޑީޒް ރޭޓުގައި، 17 ރުފިޔާއަށް ތެޔޮ އަޅައިގެން މަހަށް ދިޔުމަށް ތައްޔާރުވެގެން އެބައޮތް،" ގެމަނަފުށީ ބަހުރުވައިން ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވިއެވެ.

އަސަދުﷲ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ބައެއް މެމްބަރުން މަސް ކިލޯއެއް 25 ރުފިޔާއަށް ގަތް ކަމަށް ވިދާޅުވި ނަމަވެސް، އެއީ ހަމައެކަނި ދެއްކި ވާހަކައެކެވެ. ސަރުކާރު ނިމިގެން ދިޔައިރުވެސް އެ ފައިސާ މަސްވެރިންނަށް ލިބިފައި ނުވާ ކަމަށާއި، އޭރު މަސްވެރިންނަށް ދިނީ ކިރިޔާ ވާވަރަށް ތެޔޮ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަސް އަހަރު ނިމުނުއިރުވެސް މަސްވެރިކަމުގެ "ހަމަ އަގު" މަސްވެރިންނަށް ބުނެދެވިފައި ނުވާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ހުވަދު އަތޮޅުގެ މަސްވެރިކަމުގެ އުމްރާނީ ތަރައްޤީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަސަދުﷲ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި ހަލާކުވެފައި ހުރި ދެއްވަދޫ އައިސް ޕްލާންޓް މި ސަރުކާރުން މަރާމާތުކޮށް، މިހާރު ކޮންމެ ދުވަހަކު އައިސް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ކޫއްޑޫގެ ސްޓޯރޭޖް ބޮޑުކުރުމާއި، ފިޔޯރީގައި ބޮޑު އިންވެސްޓްމަންޓެއް ކުރިއަށްދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް ދަފްތަރެއް އެކުލަވާލައި، ބޭންކް އޮފް މޯލްޑިވްސްގެ މާލީ ފެސިލިޓީތައް މަސްވެރިންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަކީ މި ސަރުކާރުން މަސްވެރިންގެ މުސްތަޤްބަލަށްޓަކައި އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި މެމްބަރު އަސަދުﷲ ޝިހާބް ސިފަކުރެއްވިއެވެ.