ހިތަދޫ އުތުރުގެ ޕީއެންސީ ޓިކެޓް ޕްރައިމަރީގައި ބަލިވި ސައީދަށް ދޭން ނިންމައިފި
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އަހުމަދު ސައީދު (ސޯޑާ) އަށް، އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް އެ ޕާޓީން މިއަދު ނިންމައިފި އެވެ.
މިގޮތަށް ނިންމީ ޕްރައިމަރީ ކާމިޔާބުކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން، އޭނާއަށް ލިބުނު ޓިކެޓް ދޫކޮށްލެއްވުމާ ގުޅިގެންނެވެ. މިއަދު ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ސިނާން ޓިކެޓް ދޫކޮށްލެއްވުމުން އެ ފުރުސަތު ޕްރައިމަރީގައި ދެވަނައަށް ދިޔަ ސައީދަށް ދިނުމަށް ޕާޓީން މިހާރު ނިންމާފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ސިނާން 226 ވޯޓު ހޯއްދެވި އިރު، ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ. ނަމަވެސް، ސިނާން މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ދާއިރާގެ ގިނަ ބަޔަކާ މަޝްވަރާކުރުމަށްފަހު، މި ފަހަރު ގޮނޑި ކާމިޔާބުކުރަން އެންމެ ފަހިވާނީ އޭނާ ފަހަތަށް ޖެހިވަޑައިގެން އާ ބޭފުޅަކަށް ފުރުސަތު ދެއްވައިގެން ކަމަށް ފެންނާތީ ޓިކެޓް ދޫކޮށްލެއްވީ ކަމަށެވެ.
Ads by BMLސައީދަކީ މިހާރުވެސް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ހިތަދޫ އުތުރުގެ ރައްޔިތުންނާ ގުޅިގެން އެ ގޮނޑި ކާމިޔާބުކުރަން ވަރަށް ބުރަ މަސައްކަތް ކުރައްވާނެ ކަމަށާއި، އައްޑޫގެ ތަރައްގީއަށް ކުރެވެން ހުރި ހުރިހާ ކަމެއް ޕާޓީއާ ގުޅިގެން ކުރައްވާނެ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މި މަހުގެ 12 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
މި ބައި-އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
Ads by MACL
