ނޫސްވެރިކަމުގެ ހަގީގީ ރީތިކަމަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން: މެންބަރ ކައްޕި
ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަލީ އިބްރާހިމް ކައްޕި ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ނޫސްވެރިކަމުގެ ހަގީގީ ރީތިކަން ފެންނަން އޮތީ އެ މަސައްކަތުގައި ހުންނަ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި އެހެން މީހުންގެ އަބުރަށް އުނިކަން ނާންނާނެހެން، ނޫސްވެރިކަމުގެ މިންގަނޑުތަކަށް އިހުތިރާމްކުރުމަކީ އެންމެހާ ފަރާތްތަކުގެ ޒިންމާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޚަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކުގައި ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކައްޕި ވިދާޅުވީ، މީހެއްގެ އަބުރު ހުތުރުވާގޮތަށް ސާބިތުނުހިފޭ ވާހަކަތައް ފެތުރުމަކީ ނޫސްވެރިކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
Ads by BML"ކޮންމެ ގަލަމަކީވެސް ތެދުވެރިކަމާއެކު، އަނެކާގެ ކަރާމާތަށް އިހުތިރާމްކުރާ އެއްޗަކަށް ހަދަމާ ހިނގާށެވެ،" އޭނާގެ މެސެޖު ނިންމާލައްވަމުން ވިދާޅުވިއެވެ.
މި މެސެޖަކީ މިހާރަކަށް އައިސް ޚަބަރު ފެތުރުމުގައި ހުންނަންޖެހޭ މިންގަނޑުތަކާ ޚިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ދަނޑިވަޅެއްގައި، ނޫސްވެރިކަމުގެ އަސާސްތައް ހަނދާންކޮށްދިނުމުގެ ގޮތުން ދެއްވި މެސެޖެކެވެ.
Ads by MACL
