ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބާރާއި ނުފޫޒު އޮންނަ ދުވަސްވަރު ފަހަތުން ދުވާނެ އެކުވެރިން ވަރަށް ގިނަވާނެ، މިއީ ދުނިޔޭގެ ޙަޤީޤަތް: މުބީން

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ---
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ---

އަތުގައި ބާރާއި ނުފޫޒު އޮންނަ ދުވަސްވަރު ފަހަތުން ދުވާނެ އެކުވެރިން ގިނަވިޔަސް، ހަގީގީ އެކުވެރިން ފެންނަނީ މަގާމެއް ނެތް ދަތި ދަނޑިވަޅުގައި ކަމަށް ވިދާޅުވެ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ދުނިޔޭގެ ހަގީގަތާ މެދު އަސަރުގަދަ ޝުއޫރުތަކެއް ފާޅުކުރައްވައިފި އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މުބީން ވިދާޅުވީ، އިންސާނާގެ މަގާމާއި ނުފޫޒު އޮންނަ އިރު ގާތުގައި އުޅޭ މީހުން ގިނަވި ނަމަވެސް، އެ މަގާމު ނެތިދާ ދުވަހު ހާލު ބަލައިލަނީ ވަރަށް މަދު ބައެއް ކަމަށެވެ. މުބީންގެ ޕޯސްޓުގައި ވަނީ، އެއްވެސް އެދުމެއް ނެތި އިހުލާސްތެރިކަމާއެކު ކޮފީއަކަށް ދައުވަތުދީ، ހިތްވަރުދިން މީހުންނަކީ އިންސާނިއްޔަތުކަމުގެ ރީތި ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަގީގީ ވަފާތެރިންނަކީ ބާރާއި މުއްސަނދިކަމަށްޓަކައި ގާތްވާ މީހުންނެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އިންސާނާ ނިކަމެތިވެ އެކަނިވެރިވާ ދަނޑިވަޅުގައި ކުލުނާއި ލޯތްބާއެކު އަތްގާތްކޮށްދޭ މީހުންނެވެ. އެކުވެރިކަމަކީ މަގާމަކުން ލިބޭނެ މަންފާއަކަށް ބިނާވެފައިވާ އެއްޗެއް ނޫން ކަމަށާއި، އެއީ އިހުލާސްތެރިކަމުގެ މައްޗަށް ބިނާވެފައިވާ މުގައްދަސް ގުޅުމެއްކަން އޭނާ ބަޔާންކުރެއްވި އެވެ.

މުބީން އާރްއޭސީއެލްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ އެ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެއްކޮށްލުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.

މީގެ ކުރިން ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި މުބީން މިހާރު އަންނަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.