ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭސީއެލްއިން ޖެޓް ފިއުލްގެ އަގު ހެޔޮކުރުމާއެކު އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ދިވެހިރާއްޖޭގެ މައި ދޮރޯށި ވީއައިއޭ ---
ދިވެހިރާއްޖޭގެ މައި ދޮރޯށި ވީއައިއޭ ---

އެމްއޭސީއެލް އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމި ހެޔޮ ބަދަލާއެކު، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ކުރިއަށް އޮތް މަސްތަކުގައި އިތުރުކުރުމުގެ އުންމީދު ބޮޑުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ އެއާލައިންތަކުގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ނަމަވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ އަގަށް މިހާރު ލުޔެއް ދެވިފައިވާ ކަމަށެވެ.

ސަރުކާރާއި އެމްއޭސީއެލް ގުޅިގެން ކުރި މަސައްކަތުން، ކުރިން 1.99 ޑޮލަރަށް ވިއްކަމުންދިޔަ ޖެޓް ފިއުލް ލީޓަރަކުން މިހާރު ވަނީ 24 ސެންޓު އުނިކޮށްފައެވެ. މި ބަދަލާއެކު މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކާނީ 1.75 ޑޮލަރަށެވެ.

މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، އަގަށް އައި މި ބަދަލާއި އެއާލައިންތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ މިހާރު ވެސް ދަނީ ފެންނަމުންނެވެ. އެގޮތުން އަންނަ ޖޫން މަހުން ފެށިގެން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ދުވާލަކު ތިނަކަށް އިތުރުކުރަން ވަނީ ޝެޑިއުލްކޮށްފައެވެ. މީގެ އިތުރުން، ބްރިޓިޝް އެއާވޭސް އިން ކުރިއަށް އޮތް ސީޒަނުގައި ރާއްޖެއަށް ކުރާ ދަތުރުތައް 32 އިންސައްތަ އިތުރުކުރުމަށް ވަނީ ރާވާފައެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން މިވަގުތު ފަތުރުވެރިން އަންނަ ނިސްބަތް 4.8 އިންސައްތަ ދަށްވެފައި އޮތް ނަމަވެސް، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެއާލައިންތަކުގެ ބުކިން ސިސްޓަމްތަކުން މިހާރު ވެސް ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.