ވީއައިއޭގެ ފުރަތަމަ ކުއާޓާގައި 2.3 މިލިއަން ފަސިންޖަރުން
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 2.35 މިލިޔަން ފަސިންޖަރުން ވަނީ އެއާޕޯޓުގެ ޚިދުމަތް ހޯދާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާފައިވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުން ކަމަށްވާއިރު، އެ ދާއިރާއިން 1.53 މިލިއަން ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. ސީޕްލޭންގެ ޚިދުމަތް 498,411 މީހުން ހޯދިއިރު، އެއާޕޯޓު މެދުވެރިކޮށް ޑޮމެސްޓިކް ދަތުރުތައް ކުރި މީހުންގެ އަދަދަކީ 317,286 އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި އެންމެ ގިނަ ބަޔަކު އެއްދުވަހެއްގައި ޚިދުމަތް ހޯދާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އެދުވަހު 28,360 މީހުން ވީލް ބޭސް އޮޕަރޭޝަންތަކުން ޚިދުމަތް ހޯދިއިރު، ސީޕްލޭންގެ ޚިދުމަތް އެންމެ ގިނައިން ބޭނުންކުރީ ފެބްރުވަރީ 15 ގައެވެ. އެދުވަހު 9,351 މީހުން ސީޕްލޭންގައި ދަތުރުކޮށްފައިވެއެވެ.
Ads by BMLމި މުއްދަތުގައި ޖުމްލަ 72,128 އެއާޓްރެފިކް މޫވްމަންޓް ރެކޯޑްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ސީޕްލޭންގެ 54,594 މޫވްމަންޓާއި، ބައިނަލްއަޤްވާމީ ދަތުރުތަކުގެ 9,978 މޫވްމަންޓުގެ އިތުރުން ޑޮމެސްޓިކް ދަތުރުތަކުގެ 7,556 މޫވްމަންޓް ހިމެނެއެވެ.
މި ކުއާޓަރުގެ ތެރޭގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އެމްއޭސީއެލް އިން ފާހަގަކޮށްފައިވަނީ ޗައިނާގެ ގްރޭޓަރ ބޭއި އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމެވެ.
އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އައު ޓާމިނަލް މިހާރު ޓާމިނަލް 1 ގެ ގޮތުގައި ބައިނަލްއަޤްވާމީ ދަތުރުތަކަށް ބޭނުންކުރަން ވަނީ ފަށާފައެވެ. އަދި ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް މިހާރު ވަނީ ޓާމިނަލް 2 ގެ ގޮތުގައި ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޚާއްސަކޮށް ބަދަލުކޮށްފައެވެ.
Ads by MACL
