ރަނާއި ރިއްސަށްވުރެ ޤައުމަށް މުހިންމީ އިންސާނީ ވަސީލަތް: ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ޤައުމެއްގެ ހަގީގީ މުއްސަނދިކަމަކީ އެ ތަނަކުން ފެންނަ ރަނާއި، ރިއްސާއި، ޖަވާހިރު ފަދަ މާއްދީ ތަކެއްޗަށްވުރެ، ޤައުމު ބިނާކުރުމުގެ ޤާބިލުކަން ހުރި ހުނަރުވެރި އިންސާނީ ވަސީލަތްތައް ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤައުމު އިސްލާމީ އަދި ތަރައްޤީގެ ރަސްމަގުން ކުރިއަށް ގެންދިއުމަށްޓަކައި ޢިލްމުވެރި، ކެރޭ، އަދި އަމާނާތްތެރި ޖީލެއް މުޖުތަމަޢަށް ނެރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ޔުނިވަރސިޓީގެ ތަޢުލީމީ މަރުހަލާއަށް އަލިއަޅުއްވާލައްވަމުން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ކުލާސްތަކުގައި ދަރިވަރުން ލެކްޗަރާއިންނާއެކު ހޭދަކުރާ ވަގުތަކީ ހަމައެކަނި ފޮތްތަކުގައި ހުންނަ ފިލާވަޅުތަކެއް ދަސްކުރުމަށްވުރެ މާ ފުން، އަގުހުރި އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ފިލާވަޅުތަކަށްވުރެ މާ އަގުހުރި، ދިރިއުޅުމުގެ މުހިންމު ފިލާވަޅުތަކާއި ހުނަރުތައް އެ މާހައުލުން ދަރިވަރުންނަށް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤައުމީ ޔުނިވަރސިޓީން މަތީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، ދަސްވެނިވި ހުރިހާ ދަރިވަރުންނަކީވެސް ޤައުމަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރާނެ ބަޔަކަށް ވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. އެމްއެންޔޫއިން އަންނަނީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފެންވަރުގެ ތަޢުލީމެއް ފޯރުކޮށްދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by MACL
